ވޮޝިންޓަން (28 މެއި 2025): އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވަން ބޭނުންވާ ބޭރުގެ ދަރިވަރުންނަށް ވިސާދިނުން މުއްދަތެއް ނެތްގޮތަށް ހުއްޓާލުމަށް ނިންމި ނިންމުމަކީ އެމެރިކާއަށް ލިބޭ ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔުމުގެ އިތުރުން އެކަމުގެ ސަބަބުން އެމެރިކާގެ އެކަޑެމިކް މިނިވަންކަންވެސް ގެއްލިގެެންދާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާގެ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގައި ކިޔަވަން ބޭނުންވާ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުމަކީ ބޭރުގެ ދަރިވަރުން އެެމެރިކާއިން ބޭރުކުރުމަށާއި ދަރިވަރުންގެ އަދަދު މަދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް ނިންމި އެންމެ ހަރުކަށި ނިންމުމެވެ.
މި ރިޕޯޓްތައް ބުނާގޮތުން އެމެރިކާގައި ބޭރު ގައުމުތަކުގެ މިލިޔަނެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ. އަދި މިކަމުގެ ސަބަބުން އަހަރަކު އެމެރިކާއަށް އެތައް ބިލިޔަން ޑޮލަރެއް އާމްދަނީގެ ގޮތުގައި ވަދެއެވެ. އެހެންކަމުން މިއީ އެެމެރިކާގެ ގައުމީ އާމްދަނީގައި ބޮޑު ދައުރެއް އަދާކުރާ ތައުލީމީ ވިޔަފާރިއެކެވެ.
ބޭރުގެ ދަރިވަރުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ކިޔަވަން އަންނަ ބޭރުގެ ދަރިވަރުންގެ އަދަދު މި އަހަރުވަނީ އެއް މިލިޔަނުން ހަތް ލައްކައަށް ދަށަށް ގޮސްފައި ކަމަށް ވެސް ރިޕޯޓްތައް ބުނެެއެވެ.
އެމެރިކާގައި ކިޔަވަން ބޭނުންވާ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ވިސާދިނުން ހުއްޓާލަން ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ނިންމެވީ ވިސާ ދިނުމުގެ ކުރިން ކުރަންޖެހޭ ކަންކަން ހަރުކަށި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ.
ކުރިޔާ ޚިލާފަށް ބޭރުގެ ދަރިވަރުންނަށް ވިސާ ދިނުމުގެ ކުރިން އެ ދަރިވަރެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލައި ފާސްކުރާގޮތަށް ޓްރަމްޕްވަނީ އަމުރެއް ނެރުއްވާފައެވެ.
މިގޮތަށް ފާސްކުރާއިރު އެ ދަރިވަރަކީ އެމެރިކާ އާއި ޔަހޫދީ އިސްރާއީލަށް ފާޑުކިޔާ ފަރާތެއް ކަމަށްވާނަމަ ނޫނީ ޣައްޒާގެ ރައްޔިތުންނަށް ހަމްދަރުދީ ވާ ފަރާތެއްކަމަށް ބެލެވޭ ޕޯސްޓްތައް އޭނާ ކޮށްފައިވާނަމަ އަދި ޗައިނާއަށް ތާއީދުކުރާ ފަރާތެއްކަން ސާބިތު ވެއްޖެނަމަ ވިސާ ނުދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕްގެ ސަރުކާރުންވަނީ އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވާސިޓީން ވެސް ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ޖާގަ ދިނުން މަނާކުރުމަށް ނިންމަވާފައެވެ. އަދި އެމެރިކާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން ޣައްޒާގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށް މުޒާހަރާކުރާ ދަރިވަރުން ވެސް އެމެރިކާއިން ބޭރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ވިސާ ދިނުން މުއްދަތެއްނެތި ހުއްޓާލުމުން އެމެރިކާއަށް ކިޔަވަން އަންނަ ބޭރުގެ ދަރިވަރުންގެ އަދަދު ބޮޑުތަނުން ދަށަށްދާނެކަމަށް ވަނީ ބެލެވިފައެވެ.
ވިސާދިނުން ހުއްޓާލީ ވަގުތީ ގޮތުންކަމަށް ވިޔަސް ބޭރުގެ ދަރިވަރުންނަށް ވިސާ އަލުން ދޭން ފަށާނެ މުއްދަތެއް އަދި ނޭންގޭކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
އެމެރިކާގައި މިހާރު ގެންދަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެކަޑެމިކް މިނިވަންކަަމަށް ވެސް ވަރަށް ބޮޑަށް ހުރަސްއަޅައި އެކަންކަން ހަނި ކުރަމުންނެވެ. ޣައްޒާގައި ޔަހޫދީ އިސްރާއީލުން ހިންގާ ޓެރަރިޒަމާ ދެކޮޅަށް ޚިޔާލު ފާޅުކުރާ ދަރިވަރުންގެ ތެރެއިން ބޭރުގެ ދަރިވަަރުން މިހާރު ގެންދަނީ އެމެރިކާއިން ބޭރުކޮށް ޑީޕޯޓް ކުރަމުންނެވެ. އަދި އެމެރިކާ ސަރުކާރު ގެންދަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ޔުނިވާސިޓީތަކަށްވެސް ބިރު ދައްކަމުންނެވެ. އަދި ދޭންޖެހޭ ގްރާންޓްތަކުންވެސް ޔުނިވާސިޓީތައް މަހުރޫމް ކުރަމުންނެވެ.
ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް މުޒާހާކުރުމާއި ޝުއޫރު ފާޅުކުރުންވެސް އެމެރިކާގައި ސިފަކުރަނީ އެއީ ޔަހޫދީންނަށް ނަފްރަތު ކުރުމަށާއި ޔަހޫދީންނާ ޖައްސާލުމަށް ހިންގާ ހޭޓް ސްޕީޗްގެ އަމަލެއްގެ ގޮތުގައެވެ. ނޫނީ އެންޓިސެމިޓިޒަމްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާގެ އާންމުންގެ ގިނަ ބަޔަކު ވެސް މިކަން މިހާރު ގަބޫލެއް ނުކުރެއެވެ.
އެމެރިކާގެ ޖެފްރީ ސާކްސް ފަދަ އެމެރިކާގެ މުސްތަގިއްލު މުހައްލިލުން ވިދާޅުވާގޮތުން ޔަހޫދީންނަށް ނަފުރަތުކުރުންކަމަށް ބުނެ އެމެރިކާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުން ގެންދަނީ އުތުރު ކޮރެއާއާއި ގަލްފުގެ އަރަބި ގައުމުތައް ފަދަ ޑިމޮކްރަސީ ނޯންނަ ގައުމުތަކުގައި ސަރުކާރާއި ވެރިންނަށް ފާޑުކިޔުން މަނާކުރާ ބީދައިންނެވެ. އެފަދަ ގައުމުތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދެނީ އެއީ ގައުމުގައި ފިތުނަ އުފެދޭނެކަމެއްކަމަށް ބުނެ ހުއްޖަތް ދައްކައިގެންނެވެ.