ދައުރު ހަމަވުމުން އެމެރިކާ ސަރުކާރުން އީލޮން މަސްކު ވަކިވެއްޖެ

ބިލިއަނަރު އީލޮން މަސްކު: ދައުރު ހަމަވުމުން މަސްކު ވަނީ އެމެރިކާ ސަރުކާރުން ވަކިވާ ކަމަށް އިއުލާނުކޮށްފައި. ފޮޓޯ/ރޮެއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް)ގެ ޒިންމާތައް ނެގުމަށް ހަވާލުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކްގެ ދައުރު ހަމަވުމާއެކު ސަރުކާރުން ވަކިވިކަން އިއުލާނުކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މަސްކް ވަނީ ޑޯޖް ހިންގުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޓްރަމްޕަށް ޝުކުރު އަދާކޮށްފައެވެ.

"ސަރުކާރުގެ ޚާއްސަ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑަށް ކަނޑައަޅައިފައިވާ މުއްދަތު ނިމުމަކަށް އަންނައިރު، އިސްރާފުވާ ޚަރަދުތައް މަދުކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވީތީ ރައީސަށް ޝުކުރު އަދާކުރަން." އެކްސްގައި މަސްކް ލިޔެފައިވެއެވެ.

މަސްކްއަށް ހަމަޖައްސާފައި އޮތީ އަހަރަކު 130 ދުވަހު ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެވޭނެ އިންތިޒާމެވެ. ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވި ދުވަސް ކަމަށްވާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެއެވެ.

މަސްކް ވަކިވުމުގެ ކުރިން ވަނީ ޑޯޖްއިން ކުރި މަސައްކަތުގެ ބޭނުން ކެނޑޭ ގޮތަށް، ސަރުކާރުގެ ޚަރަދާއި ދަރަނި ބޮޑުވާ ގޮތަށް ފާސްކުރަން ހަމަޖެހިފައިވާ ގާނޫނަކާމެދު ނުރުހުން ފާޅުކޮށްފައެވެ.

ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ބީބިސީން ބުނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސްކް ވަކިވުމުގެ މަރުހަލާ އަންނަ ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

ޑޯޖްގެ ހިންގުމާ ހަވާލުވެ އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގިނަ އިދާރާތަކެއް އުވާލައި، އެ ތަންތަން ކުޑަކުރުމުގެ ގޮތުން އެތައް ފިޔަވަޅެއް މަސްކު ވަނީ އަޅާފައެވެ.

ޓެސްލާ ކުންފުންޏާއި އެކްސް ޕްލެޓްފޯމްގެ އިތުރުން އެހެން ގިނަ ކުންފުނިތަކެއް ވެސް ހިންގާ މަސްކްއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 386 ބިލިއަން ޑޮލަރަށް އަަރައެވެ.

comment ކޮމެންޓް