ޖުޖިޓްސޫ އެސޯސިއޭޝަން ފޮނަދުއަށް، ސެލްފް ޑިފެންސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ޖުޖިސްޓްސޫ އެސޯސިއޭޝަނުން ފޮނަދޫގައި ބޭއްވި ސެލްފް ޑިފެންސް އެވެއާނެސް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ އެމްޖޭޖޭއޭ

މޯލްޑިވްސް ޖުޖިޓްސޫ އެސޯސިއޭޝަން (އެމްޖޭޖޭއޭ)އިން ލ. ފޮނަދޫގެ ކިޔުއެމް ސްޕޯޓްސް އެކެޑަމީއާ ގުޅިގެން އެ ރަށުގައި ސެލްފް ޑިފެންސް އެވެއާނެސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ރާއްޖޭގައި ހިންގާ މަގުބޫލު މާޝަލް އާޓްސް ސްކޫލް، ޖުޖިޓްސޫ އެސޯސިއޭޝަނުން ވަނީ، ސެލްފް ޑިފެންސް އެވެއާނެސް ޕްރޮގްރާމުތައް ލ. އަތޮޅުގައި ބޭއްވުމަށް ޓަކައި ކިޔުއެމް ސްޕޯޓްސް އެކެޑަމީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އެ އެކެޑަމީއާ ގުޅިގެން ޖުޖިޓްސޫ އެސޯސިއޭޝަނުން މިމަހުގެ 16 ވަނަ ދުވަހު ސެލްފް ޑިފެންސް އެވެއާނެސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވެއެވެ.

'ސަން'އަށް މައުލޫމާތު ދެމުން ޖުޖިޓްސޫ އެސޯސިއޭޝަނުން ބުނީ އެ ޕްރޮގްރާމް ކުރިއަށްގެންދިޔައީ 11 އަަހަރުން މަތީގެ ކުދީންނަށް ޚާއްސަކޮށްގެން ކަމަށެވެ.

ޖުޖިޓްސޫ އެސޯސިއޭޝަނުން ކިޔުއެމް ސްޕޯޓްސް އެކެޑަމީއާއެކު އެމްއޯޔޫގައި ސޮއިކުރުން -- ފޮޓޯ/ އެމްޖޭޖޭއޭ

ޖުޖިޓްސޫ އެސޯސިއޭޝަނުން ފޮނަދޫގައި ބޭއްވި ސެޝަންގައި ވަނީ ބައިވެރީންނަށް ސެލްފް ޑިފެންސްގެ މުހިންމު އުކުޅުތަކެއް ދަސްކޮށްދީފައެވެ.

އެގޮތުން ބައިވެރީން ދަސްކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ހާލަތު ދެނެގަތުމާއި ނުރައްކާތެރިކަން ވަޒަންކުރުން
  • އަސާސީ ސެލްފް ޑިފެންސް ސްޓޭންސްތަކާއި ހަމަލާތައް
  • ހިފެހެއްޓުމުން ސަލާމަތްވުން
  • ދިފާޢުވުމާއި ކޮންޓްރޯލް ކުރުމުގެ ޓެކްނިކްތައް
  • ހަގީގީ ހާލަތްތަކުގައި އަމަލު ކުރުމަށް ނަފުސަށް އިތުބާރު އިތުރުކުރުމުގެ ތަމްރީނުތައް

ޖުޖިސްޓްސޫ އެސޯސިއޭޝަނުން ފޮނަދޫގައި ބޭއްވި ސެލްފް ޑިފެންސް އެވެއާނެސް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ އެމްޖޭޖޭއޭ

ޖުޖިޓްސޫ އެސޯސިއޭޝަނުން ބުނީ މި ސެޝަންގައި، އަމިއްލަ ނަފުސުގެ ރައްކާތެރިކަމާއި ސުލޫކު ހިފެހެއްޓުމާ ގުޅޭ ގޮތުން ތަމްރީނު ކުރި ކަމަށެވެ.

މާޝަލް އާޓްސްގެ އަސާސްތަކަށް މި ސެޝަންގައި އިސްކަންދީފައިވާއިރު، ސެޝަން ކުރިއަށްގެންދިޔައީ ކަމާ ގުޅުންހުރި ސަނަދު ހާސިލްކޮށްފައިވާ އިންސްޓްރަކްޓަރުންނެވެ.

ޖުޖިޓްސޫ އެސޯސިއޭޝަނުން ވަނީ އެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށް ބުނެފައެވެ. ޒުވާނުންނާއި އަންހެނުން އެ ޕްރޮގްރާމުގައި ބައިވެރިވިކަން ފާހަގަކޮށް، އެ އެސޯސިއޭޝަނުން ބުނީ ޕްރޮގްރާމުގެ ސަބަބުން ކޮންމެ ބައިވެރިއަކަށް ވެސް އަމިއްލަ ނަފުސާއި އެހެން މީހުން ރައްކާތެރިކުރުމުގެ ގާބިލުކަމާމެދު އިތުބާރު އިތުރުވި ކަމަށެވެ.

ޖުޖިޓްސޫ އެސޯސިއޭޝަނުން ވަނީ ޕްރޮގްރާމުގައި އެއްބާރުލުން ދިން ކިޔުއެމް ސްޕޯޓްސް އެކަޑަމީއަށާއި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށް ޝުކުރުއަދާކޮށްފައެވެ.

comment ކޮމެންޓް