ހުޅުމާލޭގެ އާ މާސްޓާޕްލޭނަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

ހުޅުމާލޭގެ އައު މާސްޓަޕްލޭން ދަށުން ހުޅުމާލެ ތަރައްގީކުރަން ހަމަޖެހިފައިވާ ގޮތުގެ ޑިޒައިނެއް: އެޕްލޭނަށް އާންމުންގެ ޚިޔާލު ހޯދަން ވަނީ ހުޅުވާލާފައި ---- ފޮޓޯ/ އެޗްޑީސީ

ބޮޑެތި ބަދަލުތަކާ އެކު އިއްޔެ އިފުތިތާހުކުރި ހުޅުމާލޭގެ އާ މާސްޓާޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފިއެވެ.

އެ މާސްޓާ ޕްލޭން އިއްޔެ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އެޗްޑީސީން އެ އިއުލާނަށް އާންމުންގެ ޚިޔާލު ހޯދަން މިއަދު ހުޅުވާލިއިރު، އެ ފުރުސަތު އަންނަ މަހުގެ 16ގެ ނިޔަލަށް އޮންނާނެއެވެ.

އެޗްޑީސީން ބުނީ، އޮންލައިންކޮށް އެ ޕްލޭނަށް ޚިޔާލު ހުށަހެޅޭނެ ކަމަށާއި ޕްލޭން ފައިނަލްކުރާނީ އާންމުންގެ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ހުޅުމާލޭގެ އައު މާސްޓަޕްލޭން ދަށުން ހުޅުމާލެ ތަރައްގީކުރަން ހަމަޖެހިފައިވާ ގޮތުގެ ޑިޒައިނެއް: އެޕްލޭނަށް އާންމުންގެ ޚިޔާލު ހޯދަން ވަނީ ހުޅުވާލާފައި ---- ފޮޓޯ/ އެޗްޑީސީ

މިކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، އެ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

އޭގެ އިތުރުން، އަބަދު ވެސް މަސައްކަތް ކުރަނީ އާންމުންގެ ޚިޔާލާއި މަޝްވަރާއާ އެކު ހުޅުމާލެ ތަރައްގީކޮށް، ތަރައްގީވެފައިވާ ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެ ޕްލޭން އިފުތިތާހުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ތަސައްވުރަކީ 'ފައިނޭންޝަލް ކެޕިޓަލެއް'ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުން ކަމަށާއި، އެއީ އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

https://sun.mv/206509

މި މާސްޓާ ޕްލޭންގައި ހުޅުމާލޭގެ ބަނދަރުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބަނދަރު ބޮޑުކުރާއިރު އެތަނުގައި ޒަމާނީ، ބޮޑު ފެރީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސްކޫލްތަކާއި، މިސްކިތްތަކާއި، އޮފީސް އިމާރާތްތަކާއި، އެ ނޫން ވެސް ޚިދުމަތްތަކަށް ޚާއްސަ ބިންތައް ވަނީ ކަނޑައަޅާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ކުރީގެ މާސްޓާޕްލޭންގައި އިނީ 131،000 ވަޒީފާ ހިމަނައިފައެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލާ އެކު 93،000 ވަޒީފާ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ވަނީ 224،000 އަށް އިތުރުކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް