ސަރުކާރުން 18 ރަށެއްގައި ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް، ސަރުކާރު ހިއްސާވާ ތިން ކުންފުނި ކަމަށްވާ, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފިއެވެ.
މި 18 އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އާރްޑީސީއާ ހަވާލުކުރި ހަތަރު މަޝްރޫއުތަކަކީ:
- ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. މީދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް
- މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ގއ. ދާންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު، އަހުމަދު ގާސިމްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާޙް އަލީ ނަޞީރުއެވެ.
އެމްޓީސީސީއާ ހަވާލުކުރި ފަސް މަޝްރޫއަކީ:
- ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް
- ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް
- ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
މި އެއްބަސްވުންތަކުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ގާސިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަޙްމަދު ސަޢުދީއެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ނުވަ މަޝްރޫއަކީ:
- ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް
- ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
- ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް
- ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޝަރީފްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު އާރިފްއެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ކުންފުނިތަކުގެ އިސް ވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދަން މަޝްރޫއުތައް ހަވާލުކޮށް، މަޝްރޫއުތައް ފަށާފައި މިވަނީ މި އަހަރު ތެރޭގައެވެ. އޭގެ ކުރިން މަޝްރޫއުތައް ނުހިންގާތީ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
އޭރު ސަރުކާރުން ބުނީ ފާއިތުވެ ދިޔަ 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައި އޮތް ގޮތުން މަޝްރޫއުތައް ހިންގަން އެކަށީގެންވާ ފައިސާ ބަޖެޓުކޮށްފައި ނެތް ކަމަށެވެ. އަދި އޭރު އޮތް 19 ވަނަ މަޖިލީހުން އެމްޑީޕީ މެޖޯރިޓީން އެ ބަޖެޓު ފާސްކުރީ 'ޖެއްސުމަކަށް' ކަމަށް ސަރުކާރުން ސިފަކުރިއެވެ.