އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް، ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު: ފޮޓޯ/ ރައީސް އޮފީސް

އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށް ޓަކައި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ އުފަންވާ ކުދިންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް، އެ ދާއިރާގައި ހަރަކާތްތެރިވާ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

އުފަންވާ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން، މާޒީގައި ދިމާވެފައިވާކަމަށެވެ.

އަދި މިހާރު ވެސް ދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާކަމަށާއި، އޭގެ ތެރޭ، ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކި ދާއިރާތަކުން ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާގައި އިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ހާއްސަކޮށް ފާހަގަކުރެއްވޭ ކަމަށެވެ.

މީގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށް ތަޢާރަފުކުރެވިފައިވާ ޓެކްނޮލޮޖީ ހުރިކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވަނީ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް