ފެނަކައިން ވަކިކުރި ޝަހީރު، އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކޮށްފި

އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކުރި ޝަހީރު: މީގެ ކުރިން އޭނާ ފެނަކައިގެ ޗެއާމަންކަން ވެސް ކުރެއްވި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުން މި ސަރުކާރުގައި ވަކިކުރި އަހުމަދު ޝަހީރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެޗްޑީސީގެ ޗެއާމަން ކަމަށް ޝަހީރު އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވީ، މި ސަރުކާރުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަންކުރި އަހުމަދު ނާސިފް މިދިޔަ މާރިޗް މަހު އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން ކަމަށް އައްޔަންކުރުމުންނެވެ.

https://sun.mv/203295

ޝަހީރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2015ވަނަ އަހަރުން ފެށިގެން 2018ގައި ވެރިކަން ނިމުމާ ހަމައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.

ރައީސް ޔާމީންގެ ތާއިދާއެކު އިންތިޚާބުވި މި ސަރުކާރުގައި ފެނަކައިގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އަށް ވަނަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން މާ ދިގު މުއްދަތެއް ނުވެ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހު ޝަހީރު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

https://sun.mv/195285

އޭނާ ފެނަކައިން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައިނުވެއެވެ.

ޝަހީރު ފެނަކައިގެ ޗެއާމަންގެ މަގާމުން ވަކިކުރިއިރު، އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތަކެއް އެ ކުންފުނިން ދިޔައީ ކުރަމުންނެވެ. އެގޮތުން، ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދާ ކުންފުންޏެއްގެ ތުހުމަތުވާ ފެނަކައިގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައި ތިބި ވަގުތީ މުވައްޒަފުންތަކެއް ވަކިކުރަން ވެސް އެ ކުންފުނިން އޭރު އޮތީ ނިންމައިފައެވެ.

comment ކޮމެންޓް