ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ގެނައި ބަދަލާއެކު ހުރި ކަންބޮޑުވުންތަކަށް ބަލައި، އަލުން ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށްފަހު މާދަމާ، އެ ތަނުން ގޯތި ލިބޭ މީހުންގެ ގުރު ނަގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.
މި މަހުގެ 15 ދުވަހު އާންމުކުރި، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ގެނައި ބަދަލާ އެކު 90 ގޯއްޗެއް އިތުރުވެފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވެސް، މި ކަންބޮޑުވުން ހިއްސާކުރެއްވި ގާނޫނީ ވަކީލު ޝަހީމް އަޙުމަދު ވިދާޅުވީ، އިތުރުވި 90 ގޯއްޗަކީ ކޮރަޕްޝަނުގެ ތެރެއިން އިތުރުވެފައިވާ އެއްޗެއް ކަމަށެވެ.
އެއާއެކު މިރޭ މިނިސްޓަރު ވިދާޅުވީ، މި މަހުގެ 15ވަނަ ދުވަހު ނެރުނު ލޭންޑް ޔޫސް ޕްލޭނަށް ލިބުނު ޚިޔާލުތަކާއި، ގުޅިފަޅުން ގޯތިލިބޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަނާ މަޝްވަރާ ކުރުމަށްފަހު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ޝާއިޢު ކޮށްފައިވާ ކަމަށެވެ.
އަދި މި ޕްލޭނާ އެއްގޮތަށް ގުރުއަތު ނެގުން މާދަމާ 14:30 ގައި އުސްފަސްގަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ގުޅިފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށް، އެ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭންއަށް ބޮޑު ބަދަލުތަކެއް މި ފަހުން ސަރުކާރުން ވަނީ ގެނެސްފައެވެ.
ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފައެވެ.