ހަތަރު ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ހަތަރު ރަށެއްގައި ޑައިލެސިސްގެ ޚިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވުން ---- ފޮޓޯ/ ރައީސް އޮފީސް

އަލަށް ހަތަރު ރަށެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޑައިލެސިސްގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މިރޭ އެ ޚިދުމަތް ފެށި ހަތަރު ރަށަކީ:

  • ނ. ވެލިދޫ ސިއްޙީ މަރުކަޒު
  • މ. މުލީ ރީޖަނަލަ ހޮސްޕިޓަލް
  • ތ. އަތޮޅު ހޮސްޕިޓަލް
  • ގއ. އަތޮޅު ހޮސްޕިޓަލް

ރައީސް މުއިއްޒުގެ ދެކަނބަލުން މިރޭގެ ރަސްމިއްޔާތުގައި ---- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ ފަސް އަތޮޅެއްގައެވެ. އެއީ، އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ.

އެ އަތޮޅުތަކުގައި މިއަހަރު ނިމުމުގެ ކުރިން ޑައިލެސިސްގެ ޚިދުމަތް ފަށާނެއެވެ.

ސަރުކާރުގެ އަމާޒަކީ، އެ ޚިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދީ، ކޮންމެ ރައްޔިތަކަށް އަމިއްލަ ރަށުގައި ހުރެގެން ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހެލްތު މިނިސްޓްރީން ވަނީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޑައިލިސިސްގެ ޚިދުމަތްދޭ ތަންތަނުގެ މިންގަނޑެއް އާންމުކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި ސްޓޭންޑާޑްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދޭ އެންމެހައި މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ. އަދި، ރާއްޖޭގެ ހުރިހާ ޑައިލިސިސް މަރުކަޒުތަކެއްގައި ވެސް އެއް ފެންވަރެއްގެ ފަރުވާއެއް ފޯރުކޮށްދޭކަން ކަށަވަރުކުރުން ކަމަށެވެ.

comment ކޮމެންޓް