ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކޮމެޑީ ފްރެންޗައިސް "ހެރާ ޕެރީ"ގެ ތިންވަނަ ފިލްމުން އެކްޓަރު ޕަރޭޝް ރާވަލް ވަކިވުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.
ފިލްމު "ހެރާ ޕެރީ 3"ގެ ލީޑް އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރުމުގައި ވެސް ހިއްސާވާ އެކްޓަރު ބުނެފައިވަނީ ޕަރޭޝަކީ އަކްޝޭ ވަރަށް އިހުތިރާމުކުރާ އެކްޓަރެއް ކަމަށެވެ.
ޕަރޭޝާ އެކު އަކްޝޭ ފިލްމުތަކުގައި މަސައްކަތްކުރާތާ މިހާރު 30 އަހަރުވެފައިވާއިރު އެއީ އެކީގައި މަސައްކަތްކުރާ ކޯ-އެކްޓަރަކަށްވުމުގެ އިތުރުން އަކްޝޭގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް، ޕަރޭޝް "ހެރާ ޕެރީ 3"އިން ވަކިވުމަކީ ވަރަށް ސީރިއަސް ކަމަކަށްވުމާ އެކު އެކަން މިހާރު ގާނޫނީ މައްސަލައަކަށް ވެފައިވާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭ ކުމާރު އަދި އެކްޓަރު ޕަރޭޝް ރާވަލް ފިލްމު "ހެރާ ޕެރީ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ފިލްމު "ހައުސްފުލް 5"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަކްޝޭ ބުނީ، އެ ޕްލެޓްފޯމަކީ ފިލްމު "ހެރާ ޕެރީ 3"އާ ގުޅިގެން ކުރިމަތިވެފައިވާ މައްސަލައަށް ވާހަކަދެއްކުން އެންމެ މުނާސިބު ތަން ނޫން ކަމަށެވެ.
މީގެ އިތުރުން، ޕަރޭޝަކީ ފިލްމު އިންޑަސްޓްރީގެ ވަރަށް ސީނިއާ އެކްޓަރެއް ކަމަށާއި ޕަރޭޝަށް އިހުތިރާމު ކުޑަވާ ކަހަލަ ބަސްތައް ޚަބަރުފަތުރާ މީޑިއާތަކުން ބޭނުން ނުކުރުމަށް ވެސް އަކްޝޭ ވަނީ އިލްތިމާސްކޮށްފައެވެ.
ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ "ހެރާ ޕެރީ 3"އިން ކުއްލި ގޮތަކަށް ޕަރޭޝް ވަކިވެފައިވަނީ ފިލްމަށް ސޮއިކުރުމަށް ފަހު ޝޫޓިންގެ ފެށުމުގެ ހުރިހާ ތައްޔާރީތައް ވެފައި ވަނިކޮށެވެ. ޕަރޭޝް ފިލްމުން ވަކިވީ ކޮން ސަބަބަކާހުރެ ކަން ޕްރޮޑަކްޝަން ޓީމަށް އަންގާފައި ނެތްއިރު އެކްޓަރު ކުޅޭ ރޯލަށް ހުށަހެޅި އަގުގެ އެއްބައި ވަނީ ހަވާލުކުރެވިފައެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާ ފިލްމަށް ލިބޭ ބަދަލު ހޯދުމަށް މައްސަލަ ހުށަހަޅާނެކަން އަކްޝޭ ހާމަކޮށްފައި ވަނިކޮށް ޕަރޭޝް ވަނީ އިންޓަރެސްޓާ އެކު އެކްޓަރަށް ލިބުނު ފައިސާ މި ފިލްމުގެ ޕްރޮޑަކްޝަން ކުންފުންޏަށް އަނބުރާ ދައްކާފައެވެ.