ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާއިން ދެއްވި ޚާއްސަ ފުރުސަތެއްގެ ދަށުން ކަމަށާއި، އެއީ ރާއްޖެއަށް ލިބޭ 1،000 ކޯޓާގެ ތެރެއަކުން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަންނަވަނީ މާދަމާއެވެ.
'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ޓީވީ ޕްރެޒެންޓަރު އަހުމަދު ޝަކީބް (ޝަކީބްބެ) ވަނީ ރައީސް ޙައްޖަށް ވަޑައިގަންނަވަނީ ރާއްޖެއިން މީހުން ޙައްޖަށް ދިޔުމަށް ސައުދީ ސަރުކާރުން ދޭ 1،000 ކޯޓާގެ ތެރެއިން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެއީ ތެދެއްތޯ އެމަނިކުފާނުގެ އަރިހުން ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ، އެފަދަ ވާހަކަތައް ދޮގު ހަދައިގެން ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ. އެއީ، އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޙައްޖުގެ ފުރުސަތަކީ އެ މަނިކުފާނަށް ވެސް އަދި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް ދޭ ޚާއްސަ ފުރުސަތެއް ކަމަށާއި، އެއީ ކޯޓާގެ ތެރެއިންދާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
1،000 ކޯޓާއަކީ ހަމަ އެ ކޯޓާ. އޭގެ ބޭރުން ފުރުސަތެއް ނޫނިއްޔާ ދައުވަތެއް މި ލިބެނީ. އެއީ ހަމަ އޭގެ ބޭރުން ވަކިން [ސައުދީއިން] ހަމަޖައްސައިދޭ ކަމެއް. އަޅުގަނޑަށް ވަރަށް ޚާއްސަ ގޮތަކަށް މިކަންކަން ހަމަޖައްސައިދީފައި މި އޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށް ހަމަޖައްސައިދީފައި އެނގޭތޯ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ޙައްޖު ދަތުރުފުޅަކީ، ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ، ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އެއީ ސައުދީގެ ފުރިހަމަ މެހެމާންދާރީގެ ތެރެއިން ދެއްވި ފުރުސަތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ވެސް ސައުދީން ދެއްވި ފުރުސަތެއްގައި މިދިޔަ އަަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން މިއަދު ރައީސް ވިދާޅުވީ ސައުދީން މީގެ ކުރިން ދެއްވި ފުރުސަތުގައި އުމްރާއަށް ވަޑައިގަތް އިރު ވެސް މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށާއި، އެ ދަތުރުފުޅަށް ވެސް ޚާއްސަ ފްލައިޓެއް ހަމަޖައްސައިދެއްވި ކަމަށެވެ.
އެމަނިކުފާނާއި ރާއްޖެއާ ދޭތެރޭ ސައުދީ ސަރުކާރުން ބަހައްޓަވާ ގާތްކަމަށް ރައީސް ވަނީ ސައުދީ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.