ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް ހިންގައި، 102 ބިދޭސީންގެ ލިޔެކިޔުން ބަލައިފާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ދެ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 102 ބިދޭސީންގެ މައުލޫމާތު ސާފުކޮށް، ބިދޭސީން އުޅޭ ދެ ތަނަކަށް ޒިޔާރަތް ކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން، ހެންވޭރުގައި ހުންނަ ގެއަކުން ހަތް ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ، ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން ހިފެހެއްޓީ ސައްހަ ލިޔެކިޔުން ނެތި އުޅެމުންދިޔުމުގެ ސަބަބުން ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި ބިދޭސީން އުޅެނީ ގަވައިދަށްތޯ ބަލައެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ގަވައިދަށް އުޅުމަށް ފުރުސަތު ދެއެވެ. ނުވަތަ އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދެއެވެ.
މީގެ އިތުރުން ސަރުކާރުން އަންނަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އެ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ.