އެމެރިކާއާއެކު ނިއުކްލިއާ މަޝްވަރާތައް ސީރިއަސްކޮށް ކުރުމަށާއި އެކަމުގެ ސަބަބުން އިސްރާއީލާއެކު ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު އަދި ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ދަރިކަލުން، ޚާލިދު ބިން ސަލްމާން އީރާނުގެ ކަމާބެހޭ އޮފިޝަލުންނަށް ފޮނުވި މެސެޖެއްގައި ބުނެފިއެވެ.
ސައުދީ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގައި އިތުރު ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށް ބެލެވޭތީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ޚާލިދު ބިން ސަލްމާން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ބައްދަލުކުރުމަށް ފޮނުއްވާފައެވެ.
އެގޮތުން ޚާލިދު ބިން ސަލްމާން އީރާނަށް ވަޑައިގެންނެވުމަށްފަހު އޭޕްރީލް މަހުގެ 17ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ހަތިޔާރު އެޅި ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ އާއި ޚާރިޖީ ވަޒީރު އައްބާސް އަރާކްޗީ ބައިވެރިވެވަޑައިގެންނެވި ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޚާލިދު ބިން ސަލްމާންގެ މި ދަތުރުފުޅު މީޑިއާތަކުން ކަވަރު ކުރި ނަމަވެސް ސަލްމާން ރަސްގެފާނު ފޮނުއްވި މެސެޖުގެ ކޮންޓެންޓް މީގެ ކުރިން ރިޕޯޓުކޮށްފައެއް ނުވެއެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާގައި ހުންނަވާ ސައުދީ ސަފީރުކަން ކުރެއްވި ޕްރިންސް ޚާލިދު ވަނީ ދިގުދެމިގެންދާ މަޝްވަރާތަކަށް ޓްރަމްޕްގެ ކެތްތެރިކަން ކުޑަ ކަމަށް ބުނެ އީރާނުގެ އޮފިޝަލުންނަށް އިންޒާރު ދެއްވާފައެވެ.
މަޝްވަރާތައް ނުކުރެއްވިއްޖެނަމަ، އިސްރާއީލުގެ ހަމަލާއެއް އައުމުގެ ފުރުސަތާ ކުރިމަތިލުމަށް ވުރެ އެމެރިކާއާ އެކު އެއްބަސްވުމަކަށް އައުން ރަނގަޅު ކަމަށް ވެސް ޚާލިދު ބިން ސަލްމާން ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކަތައް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބަޣާއީ ވަނީ ދޮގުކޮށްފައެވެ. ސައުދީ އަރަބިއާއިން މިކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.
ޕްރިންސް ޚާލިދުގެ މި ދަތުރުފުޅަކީ ވިހި އަހަރަށްފަހު ސައުދީ ޝާހީ އާއިލާގެ ބޭފުޅަކު އީރާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި އީރާނުގެ ސަރަހައްދީ މަގާމަށް ބުރޫއަރާފައިވަނީ އެ ގައުމާ ގާތްގުޅުމެއް އޮންނަ ހަމާސް ޖަމާއަތާއި ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އީރާނުގެ އެކުވެރި ސޫރިއާގެ ޚުދުމުހުތާރު ވެރިޔާ ބައްޝާރުލް އަސަދު ވެރިކަމުން ވައްޓާލުމާ ގުޅިގެންނެވެ. މީގެ އިތުރުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެލަށް ބަރޯސާވެފައިވާ އެގައުމުގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގެ މަގުސަދުގައި ސީދާ މަޝްވަރާތައް އީރާނާއެކު ކުރިއަށްދާކަން މީގެ ހަފުތާއެއް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ.