އީދާ ދިމާކޮށް ބާއްވާ ގަމު ކައުންސިލް ބައިބަލާ މުބާރާތަށް ކޯ ސްޕޮންސަރުން ހޯދަނީ

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ ތެރެއިން: ގަމު ކައުންސިލުން ބާއްވާ ބައިބަލާ މުބާރާތަށް ކޯ ސްޕޮންސަރުން ހޯދަނީ -- ފޮޓޯ/ އިމޭޖަސް

ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ލ. ގަމު ކައުންސިލުން ބާއްވާ އެ ކައުންސިލްގެ ބައިބަލާ މުބާރާތަށް ކޯ ސްޕޮންސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ 18:00ގެ ނިޔަލަށް އެެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ގަމު ކަައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން 9151133އާ ގުޅައި ޝައުގުވެރިކަން ފާޅުކުރުމަށް އެދިފައެވެ.

އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު އެއް ބައިބަލާ މުބާރާތަށް މި މުބާރާތް ވާއިރު އެ ކައުންސިލުން ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިފައެވެ.

އީދުގެ ދެވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުލަބުތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން، އަންނަ އަންގާރަ ދުވަހުގެ 23:59ގެ ކުރިން އޮންލައިންކޮށް ފޯމު ފުރުމަށްފަހު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ގަމަކީ މިއަހަރު ސަރުކާރުން ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށެކެވެ. އެގޮތުން ބައިބަލާ މުބާރާތާއި ސްޓޭޖު ޝޯގެ އިތުރުން އިތުރު ކުޅިވަރުތައް ވެސް އެރަށުގައި ކުރިއަށްގެންދިއުމަށް ނިންމާފައި ވާކަމަށް ގަމު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

މި ހުރިހާ ހަރަކާތްތަކެއް ވަރަށް ފޯރިއާއެކު، ވަގުތުން އެސްއެސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުން ގެނެސްދޭނެއެވެ. އެ ރަށުން އީދުގެ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް އެސްއެސްމީޑިއާގެ ކުރޫ ހަރަކާތްތެރިވާނެއެވެ.

comment ކޮމެންޓް