ދިގުމުއްދަތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަރުވަނީ، ރާއްޖޭގައި މީހުން މަރުވާ އެވްރެޖް އުމުރަށްވުރެ ހަގުކޮށް ދުންފަތާ ގުޅުންހުރި ކޮންމެވެސް ބައްޔެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މިއަދު ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ޝިއާރަކީ "ނިކޮޓިން އާއި ދުންފަތަށް ހިތްޖެއްސުމަށް ސިނާއަތުން ބޭނުންކުރާ އުކުޅުތައް ހާސާކުރުން"މިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވާ އެޗްޕީއޭއިން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ގާތްގަނޑަކަށް 90 ޕަސަންޓު މީހުން އެކަމުގެ ތެރެއަށް ވަންނަނީ އުމުރުން 18 އަހަރު ވުމުގެ ކުރިންނެވެ.
އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވަނީ ރާއްޖޭގައި އެވްރެޖްކޮށް މީހުން މަރުވާ އުމުރަށްވުރެ ހަގުކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅުންހުރި ކޮންމެވެސް ބައްޔެއްގައި ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ކަންމިހެން އޮތުމުން، ދުންފަތުގެ ވިޔަފާރީގެ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމަށް، އައު ޖީލެއް ދުންފަތަށް ހިތްޖައްސުވައި ދުންފަތް ބޭނުންކުރުމަށް އާދަކުރުމަކީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައިގަނޑު ބިޒްނަސް ސްޓްރަޓެޖީ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ދުންފަތަށް ހިތްޖެއްސުވުމަށް ވިޔަފާރިވެރިން ބޭނުންކުރާ ބައެއް އުކުޅުތައް ވެސް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި:
- ހިތްޖެހޭގޮތަށް މާކެޓްކުރުން
- އޮޅުވާލަނިވި ޑިޒައިންތައް ބޭނުންކުރުން
- އައު ތަޖުރިބާތަކެއް ތައާރަފުކުރުން
އެޗްޕީއޭގެ ރިޕޯޓުގައި ވަނީ ކިތަންމެ ރީތިކޮށް ފަރުމާކޮށްފައި ހުރިނަމަވެސް އަދި ކުލައާއި ރަހައިގެ އިތުރުން ވަސް އިތުރުކުރި ނަމަވެސް ދުންފަތުގެ ބާވަތްތަކުގައި ހުންނަ ނުރައްކާތެރި މާއްދާތައް ފިލައިގެންނުދާނެ ކަމަށާއި ދުންފަތުގެ ކޮންމެ ބާވަތަކީ ވެސް ފުރާނައާއި ސިއްޚަތަށް ހުރި ހަތުރެއްކަން ގަބޫލުކުރަން ޖެހޭކަމަށެވެ.
އެހެންކަމުން ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް ފާހަގަކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައި ވަނީ:
- ހޭލުންތެރިކަން އިތުރުކުރުން
- ޝައުގުވެރި ކުރުވާ ރަހަތަކާއި ތަކެތި މަނާކުރުމުގެ ފިޔަވަޅު އެޅުން
- ޑިމާންޑް ދަށްކުރުން
ދުންފަތުގެ އުފެއްދުންތަކުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މައުލޫމާތު ފެތުރުމާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގާއިމްކޮށްފައިވާ ސެޒޭޝަންގެ ޚިދުމަތް ހޯދާ މީހުން އިތުރުވުމަކީ ސިއްހީ ދާއިރާގެ އުންމީދު ކަމަށް އެޗްޕީއޭގެ ރިޕޯޓުގައި ވެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ.
މީގެ އިތުރުން ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.