ރައީސް ޑރ. މުޙައްމަދު މުއިއްޒު މީޑިއާ ބިލް ތަސްދީގު ކުރެއްވުމަކީ، މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުން ކަމަށް، ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމިއްޔާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ބުނެފިއެވެ.
ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން މިދިޔަ އަންގާރަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް ފާސްކުރި ބިލް، ރައީސް މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ. އެއާއެކު ބިލު ގާނޫނަކަށްވެ، އަމަލުކުރުން ވަނީ ފަށައިފައެވެ.
މީގެ ކުރިން ސީޕީޖޭން ވަނީ މީޑިއާތަކުގެ މިނިވަން ހިމާޔަތްކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާކަން ފާހަގަކޮށް، އެ ބިލް ތަސްދީގު ނުކުރުމަށް ގޮވާލައިފައެވެ.
ބިިލް ތަސްދީގު ކުރުމާ ގުޅިގެން، ސީޕީޖޭގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ބެހްލީ ޔީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ޑިމޮކްރަސީއައި ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ބިލް ތަސްދީގު ކުރައްވައި ރައީސް ވަނީ މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައި، ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރައްވާނެ ކަމަށް ވެވަޑައިގަތް ވައުދާ ޚިލާފުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ބިލު އުވާލައި، ރާއްޖޭގައި މިނިވަން ނޫސްވެރިކަން ހިމާޔަތް ކުރުމަށް އަޅުގަނޑުމެން ގޮވާލަން،" ސީޕީޖޭގެ ޕޯސްޓުގައިވެއެވެ.
މީޑިއާ ބިލް ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ، އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީޑިއާ ބިލާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން: ބިލް ތަސްދީގު ކުރައްވައި ރައީސް، މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައިފައި ކަމަށް ސީޕީޖޭއިން ބުނެފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ މަހުގެ 25ގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާކަން ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާނެ ކަމަށެވެ. އެގޮތުން ބިލް އިސްލާހު ކުރާ މަރުހަލާއަކަށް ގޮސްފިނަމަ، އެ ގާނޫނުގެ ދަށުން އުފައްދާ ރެގިއުލޭޓަރީ ކޮމިޝަނުގެ ރައީސަކަށް ވާންޖެހޭނީ އެކޮމިޝަންގެ މެންބަރުން ވޯޓު ލައިގެން ހޮވާ މީހެއް ކަމަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބިލް ހުށަހެޅިއިރު އޮތް ގޮތުން، ރެގިއުލޭޓަރީ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް ވެސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް އެ ބާރުތައް މިހާރު ވަނީ މަޖިލީހަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ މިއީ 'މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ ބިލަށް 14 އިސްލާހެއް ހުށަހަޅައިފައެވެ. އެއާއެކު ވެސް، ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސަރުކާރު މެންބަރުން ބިލް ފަސްކުރީ އިސްލާހުތަކާއެކު ކަންބޮޑުވުމަށް ފަރުވާ ދީފައިވާ ކަމަށް ބުނެފައެވެ.