މާލީ ދާއިރާ ކުރިއަރުވަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

ރައީސް ޑރ. މުއިއްޒު: މާލީ ދާއިރާ ކުރިއެރުވުމަށް "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް" ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި -- ފޮޓޯ/ ރައީސް އޮފީސް

"ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް"ގެ ނަމުގައި މާލީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް މުއިއްޒުގެ ގަރާރަކުން، މި ކުންފުނި އުފެއްދެވީ ގާނޫނު ނަންބަރު 2023/7 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދިވެހި "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 100،000،000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000 (އެއް ބިލިޔަން) ރުފިޔާ ކަމަށެވެ.

https://sun.mv/206509

އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީ ގޮތުން އަމިއްލަ ޝަޚްސެއް ކަމަށް ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ކުންފުންޏެއް އުފެއްދެވިއިރު، 'ފައިނޭންޝަލް ކެޕިޓަލެއް'ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ. އެކަން ކުރުމަށްޓަކައި މިދިޔަ މަހުގެ 26ގައި އެ މަނިކުފާނު ވަނީ ހުޅުމާލޭގެ އާ މާސްޓާޕްލޭން އެކުލަވައިލާ އިފުތިތާހުކޮށްދެއްވައިފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އިފްތިތާހުކުރި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ އެކަން ހަގީގަތަކަށް ހެދުމުގައި 'ޓްރާންސްފޮމެޓިވް' ބަދަލެއް އަންނާނެ ވަރަށް މުހިންމު މަސައްކަތަކަށް ވާނެއެވެ. އެ މާލީ ސެންޓަރު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ ތަނުގެ ބިންގާ ވެސް މިހާރު ވަނީ އަޅައިފައެވެ.

comment ކޮމެންޓް