ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ދިފާއީ ވަޒީރު ރިޗާޑް މާލްސްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން މިއަދު ބާއްވާފައިވަނީ ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ, މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިފާއީ ގުޅުން ބަދަހިކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
އަދި, ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުން ކުރާ މަސައްކަތްތަކުގެ މައްޗަށް ވެސް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސްޓްރެޓެޖިކް އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ.
ރޭ، އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމާ އެކު، އެ ބޭފުޅާއަށް މަރުހަބާ ކިޔުއްވީ ރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.