މި އަހަރުގެ މިސް ވޯލްޑްގެ ތާޖު ތައިލެންޑަށް

މި އަހަރުގެ މިސް ވޯލްޑްގެ ތާޖު ތައިލެންޑަށް ނިސްބަތްވާ އޮޕަލް ސުޗާޓާ ޗުއަންގްސްރީ ހޯދައިފިއެވެ.

އިންޑިއާގެ ހައިދަރުއާބާދުގައި އިއްޔެ ބޭއްވި މިސް ވޯލްޑް ގްރޭންޑް ފިނާލޭގައި މިސް ވޯލްޑްގެ ތާޖު އޮޕަލް ސުޗާޓާ ޗުއަންގްސްރީގެ ބޮލުގައި އަޅުވައިދިނީ އިންޑިއާގެ މުމްބާއީގައި މިދިޔަ އަހަރު ބޭއްވި މިސް ވޯލްޑް 2024ގެ ތާޖު ހާސިލުކޮށްފައިވާ ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕިޒްކޯވާއެވެ.

އެންމެ ފަހުގެ ކޮންޓިނެންޓަލް ނަސީބުވެރިންގެ ތެރެއިން އުމުރުން 22 އަހަރުގެ މިސް ތައިލެންޑް އޮޕަލް ސުޗާޓާ ޗުއާންގްސްރީ ހޮވިފައިވަނީ މިސް އިތިއޯޕިއާ ހަސެޓް ޑެރޭޖޭ، މިސް ޕޮލެންޑް މަޖާ ކްލަޖްޑާ އަދި މިސް މާޓިނިކޫ އޮރެލީ ޖޮއާޗިމްއާ ވާދަކޮށްގެންނެވެ.

ހައިދަރުއާބާދުގެ ހިޓެކްސް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި މިސް ވޯލްޑް 2024ގެ މުބާރާތުގެ ހަފްލާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

މިސް ވޯލްޑް 2025ގެ ތާޖު ތައިލޭންޑްގެ އޮޕަލް ސުޗާޓާ ޗުއަންގްސްރީގެ ބޮލުގައި އަޅުވައިދެނީ--ފޮޓޯ/ދަހިންދޫ

މި މުބާރާތުގެ ހޯސްޓުންގެ ގޮތުގައި 2016 ވަނަ އަހަރުގެ މިސް ވޯލްޑް ތާޖު ހާސިލުކުރި ސްޓެފަނީ ދެލް ވަލޭ އަދި އިންޑިއާގެ މަޝްހޫރު ޕްރެޒެންޓަރު ސަޗީން ހުމްބަރު ހިމެނުނުއިރު ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ޖެކްލީން ފެނާންޑެޒް އަދި އިޝާން ހައްތަރުގެ ލައިވް ޕާފޯމެންސްތަކެއް ވަނީ ފެނިފައެވެ.

މި މުބާރާތުގައި ވާދަކުރި 108 ބައިވެރިން ސްޓޭޖްގައި އެންމެ ފުރަތަމަ ދައްކައިލީ އިންޑިއާއިން މި މިބުރާތަށް ކަނޑއަޅާފައިވާ ރަސްމީ ފެޝަން ޑިޒައިނަރު އަރްޗަނާ ކޯޗަރުގެ އަންނައުނު ތަކުގައެވެ. އޭގެ ތެރޭގައި އެ ބައިވެރިން ނިސްބަތްވާ ޤައުމުތަކުގެ ޤައުމީ ހެދުން ވެސް ހިމެނެއެވެ.

މި އަހަރުގެ މިސް ވޯލްޑްގެ ފައިނަލަށްދިޔަ ބައިވެރިންނާ އެކު އޮޕަލް ސުޗާޓާ ޗުއަންގްސްރީ--ފޮޓޯ/ދަހިންދޫ

މި މުބަރާތުގައި ބައިވެރިވި ކޮންޓިނެންޓަލް ރީޖަންތަކުން 10 ސެމީ ސެމީ ފައިނަލިސްޓުން ހޮވިއިރު އޭގެ ތެރޭގައި އެމެރިކާ އަދި ކެރީބިއަން، އެފްރިކާ، ޔޫރަޕް އަދި އޭޝިއާ އެންޑް އޯޝަނިއާ ހިމެނެއެވެ. މި އަހަރުގެ މިސް ވޯލްޑްގެ ތާޖު ހާސިލުކުރި މިސް ތައިލެންޑް އޮޕަލް ސުޗާޓާ ޗުއަންގްސްރީއަކީ ތައިލެންޑްގެ ޕުކެޓްއަށް ނިސްބަތްވާ ޒުވާނެކެވެ.

އޭނާ އަންނަނީ ތައިލެންޑްގެ ޔުނިވަސިޓީ ތައްމަސްޓް ޔުނިވަސިޓީގައި ޕޮލިޓިކަލް ސައިންސް އަދި ގްލޯބަލް އެފެއާޒްއިން މަތީ ތަޢުލީމު ހާސިލުކުރަމުންނެވެ.

އުމުރުން 16 އަހަރުގައި އުރަމަތީގައި ގަނޑުލުމުގެ ސަބަބުން އޮޕަލް ސުޗާޓާ ޗުއަންގްސްރީ ވަނީ އެ ނެގުމަށް ގިނަ ސާޖަރީތަކެއް ހަދާފައެވެ. މިސް ވޯލްޑްގެ އެންމެ މަގުބޫލު މިޝަން ކަމަށްވާ "ބިއުޓީ ވިތު އަ ޕާޕަސް"ގެ ދަށުން އޮޕަލް ސުޗާޓާ ޗުއަންގްސްރީ އެންމެ ބޮޑު އިސްކަމެއްދޭނީ އުރަމަތީގެ ކެންސަރަށް އާއްމުން ހޭލުންތެރިކޮށް އެ ބަލީގެ އަލާމާތްތައް ފެނުމުން އެކަމަށް ފަރުވާ ހޯދުމުގައި ކުރިއަށްދާނެ ގޮތުގެ މައުލޫމާތު އާއްމުންނަށް ހިއްސާކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

އޮޕަލް ސުޗާޓާ ޗުއަންގްސްރީ ވަނީ މިކަމާ ގުޅިގެން "އޮޕަލް ފޯ ހާ"ގެ ނަމުގައި ޚާއްސަ ކެމްޕޭންއެއް ވެސް ފަށާފައެވެ.

comment ކޮމެންޓް