އަންހެނެއްގެ ނަމުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ހައިކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި އުމުރަށް ޖަލަށްލާން ހުކުމް ކުރީ ސ. ހިތަދޫ، ދުގެތިމާގޭ އަލީ އަކްބަރުގެ މައްޗަށެވެ.
މިއީ 2021ވަނަ އަހަރުގެ މާރިޗު މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ކުރިއާ ސާވިސް މެދުވެރިކޮށް ގެނައި ދަބަހެއްގެ ތެރޭ އޮތް ފޮތެއްގައި ކައްޅިއެއް ހަދައި، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރި މައްސަލައެކެވެ.
މި ދަބަސް ރާއްޖެ ގެނެސް، ކަސްޓަމްސްއިން އެކްސްރޭކުރިއިރު، އޭގެ ތެރޭގައި އެއްޗެއް ފޮރުވާފައި އޮތް ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލިއެވެ. ހުކުމުން އެނގޭ ގޮތުގައި ފޮތުގެ ތެރޭގައި ފޮރުވާފައި އޮތް ޕެކޭޖުގައި ލިޔެފައި އޮތީ ހ. ޒިފްރޯލް، ހަލީމަތު އުލްފާގެ ނަމާއި އޭނާގެ ފޯން ނަންބަރެވެ.
މާރިޗު ނުވަވަނަ ދުވަހު، ޑީއެޗްއެލް އޮފީހަށް އެ ޕާރުސަލާ ހަވާލުވާން މީހަކު އައި ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ. އެއާއެކު ޑީއެޗްއެލް ކައުންޓަރަށް ގޮސް، ޕެކޭޖުގައި ޖަހާފައިވާ ނަމަށް ގޮވުމުން އެކަކު ވެސް އެއާ ހަވާލުވާން އައިސްފައިނުވާ ކަމަށް ހުކުމުން އެނގެއެވެ.
އެއާ ހަވާލުވާނެ މީހަކު ހޯދަން ޕެކޭޖުގައި ޖަހާފައިވާ އެޑުރެހަށް، ޑީއެޗްއެލް ޔުނިފޯމު އަޅައިގެން، އެ ތަނުގައި ވެހިކަލްގައި ފުލުހުން ދިޔައިރު، އެއާ ހަވާލުވާން އައީ އަލީ އަކްބަރެވެ.
އެއާއެކު އޭނާ ހުއްޓުވުމުން، އެ ޕެކޭޖަކީ އޭނާގެ އެއްޗެއް ނޫން ކަމަށްބުނެ، އެއާ ހަވާލުވާން ދެކޮޅު ހެދި ކަމަށް ހެކިބަސް ދިން ފުލުހުންގެ ބަހުން އެނގެއެވެ.
އެ ތަނުގައި ތިބެ، އަކްބަރުގެ ހާޒިރުގައި ފުލުހުން އެ ޕެކޭޖު ކެނޑިއިރު، އެއިން 198.2 ގްރާމުގެ މެތަމްފެޓަމިން (މެތު) ވަނީ ފެނިފައެވެ.
މި މައްސަލައިގައި އޭނާއާ ސުވާލުކުރުމުން ހަނުހުރީ ކަމަށާއި، ތަހުގީގަށް އެއްބާރުލުން ދީފައިނުވާކަން ހުކުމުން އެނގެއެވެ. އެހެން ނަމަވެސް އުލްފާގެ ނަމުގައި ޑީއެޗްއެލްއާ އޭނާ މުއާމަލާތްކޮށްފައިވާ ކަމުގެ ސްކްރީން ޝޮޓުތަކެއް ފުލުހުން ވަނީ ހޯދައިފައެވެ.
އަދި އެ ޕެކޭޖުގައި އުލްފާގެ ނަން ޖަހާފައިވީ ނަމަވެސް، އެ މީހާއަކީ ކަމާ ގުޅޭ މީހެއް ނޫން ކަމާއި އޭނާ ދުވަހަކު ވެސް ރާއްޖެއިން ބޭރުން އެއްވެސް ބާވަތެއްގެ މުދަލެއް އެތެރެކޮށްފައި ނުވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަން ހުކުމުން އެނގެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އަކްބަރުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.
އެހެން ނަމަވެސް މި މައްސަލައިގައި ހައިކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް، އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ނިންމައިފައެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ އަކްބަރު އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ހުކުމްކުރި ތާރީޚުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދައްކައި ޚަލާސްކުރުމަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރަން އުޅުމަކީ ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅުމަކީ ނުވަތަ އެއްވެސް ސިފައެއްގައި އެ ކަމުގައި އެހީތެރިވެދިނުމަކީ ވެސް ކުށެކެވެ.
އެ ކަންކޮށްފިނަމަ، އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އެ ފަދަ ކަމެއްގައި އެހީތެރިވެދީފިނަމަ އަދަބަކީ، 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.