ޓެގު އަޅުވައި މިހާތަނަށް ދޫކުރީ ޑުރަގުގެ މައްސަލަތަކުގައި ބަންދުކުރި ބަޔަކު

މީހެއްގެ ފައިގަ ޓެގް އަޅުވާފަ: ޓެގު އަޅުވާފައި މިހާތަނަށް ދޫކޮށްލި ތިން މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ - ފޮޓޯ: ފުލުހުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ' ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގް އަޅުވައިފައި މިހާތަނަށް ދޫކުރި ތިން މީހުން ވެސް ބަންދުކޮށްފައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގައިކަން ހާމަވެއްޖެއެވެ.

ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވާފައި ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 21ގައެވެ.

އޭގެފަހުން، ޓެގު އަޅުވައި ގައިދީން މިނިވަން ކުރަން ފެށިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހެވެ.

ކްރިމިނަލް ކޯޓު އަމުރުތަކުން އެނގޭގޮތުން، މިހާތަނަށް ދޫކޮށްލާފައި ވަނީ، ތ. ގުރައިދޫ އަތަމާވިލާ، މުޙައްމަދު ނަމީން، ށ.މިލަންދޫ، ނަސީމީވިލާ، މުޙައްމަދު ނާޖިހުގެ އިތުރުން، މ. ބަދުރު އިބްރާހިމް ރަޝާދެވެ.

އޭގެތެރެއިން، ނަމީންއާއި ނާޖިހަށް ކެނަބިސް ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުކުރެވޭއިރު، ރަޝާދަކީ ޑައިމޯފިން ޓްރެފިކްކޮށް، ކެނެބިސް ބޭނުންކުރުމުގެ ތުހުމަތުގައި މިދިޔަ ޑިސެންބަރު 25ގައި ހައްޔަރުކުރި މީހެކެވެ.

ހޭހަން އޮޕަރޭޝަންގެ ތެރެއިން ގައިދީއަކު ގެންދަނީ: ޓެގު އަޅުވާފައި މިހާތަނަށް ދޫކޮށްލި ތިން މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ -- ފޮޓޯ: ކަރެކްޝަންސް

އެ ތިން މީހުން ވެސް ޓެގު އަޅުވައި ދޫކޮށްލީ 100 ދުވަހަށެވެ. އަދި، ދައުލަތުން އެދިފައިވާ ޝަރުތުތަކަށް ތިން މީހުން ވެސް ވަނީ އެއްބަސްވެފައެވެ.

ރަޝާދުގެ ކޯޓު އަމުރުގައި ވަނީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރު މުރާޖާ ކޮށްދިނުމަށް ހުށަހެޅި ކަމަށެވެ.

އެގޮތުން، ޕީޖީން ބުނެފައި ވަނީ، ރަޝާދަކީ ކުށުގެ އަމަލު ހިންގުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ނުބެލެވޭތީ އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، އޭނާ އުޅޭ ނޫޅޭ ގޮތް ބެލުމަށް ޓެގު އެޅުވުމަށް ފަހު ދޫކޮށްލުމަށެވެ.

ޕީޖީގެ ހުށަހެޅުމާއެކު، ފުލުހުން ރަޝާދުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިސްކު އެސެސްމަންޓު ރިޕޯޓެއް ވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މީހެއްގެ ފައިގައި މީގެ ކުރިން ޓެގް އަޅުވާފައި: ޓެގު އަޅުވާފައި މިހާތަނަށް ދޫކޮށްލި ތިން މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ -- ފޮޓޯ/ ފުލުހުން

ރަޝާދު ބަންދުން ދޫކޮށްލިއިރު ކުރި ޝަރުތުތައް އޭނާގެ އަމުރުން އެނގެއެވެ. އެއީ،

  • ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުން
  • ދިރިއުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ އެކަން ކޯޓަށް އެންގުން
  • ކޯޓުގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ނުދިޔުން
  • ދަތުރުފަތުރު ކުރުމާއި އުޅޭ ނޫޅޭ ތަންތަން ބެލުމަށް ޓެގު އަޅުވަން އެއްބަސްވުން
  • ޓެގު އެޅުވުމާ ގުޅޭ އިގްރާރުގައި ބަޔާންކުރާ ކަންކަމަށް ފުރިހަމައަށް އެއްބަސްވެ، އެކަންކަމާ އެއްގޮތަށް އަމަލުކުރުން
  • ޓެގު ނައްޓައިނުލުމަށާއި އެއަށް އެއްވެސް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ނުކުރުން
  • ޓެގު އަޅުވާއިރު، ދިޔުން މަނާ ސަރަހައްދެއް އޮތް ނަމަ އެތަނަކަށް ނުދިޔުން
  • 23:00އާ 05:00އާ ދެމެދުގެ ވަގުތުތަކުގައި ގެއިން ބޭރުގައި ނޫޅުން
  • ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަންދާމެދު 24 ގަޑިއިރު ތެރޭ ގޮތެއް ނިންމުން

ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ. އޭގެ ތެރޭގައި:

  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުން
  • މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން
  • ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން

ޕީޖީ އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.

comment ކޮމެންޓް