ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އަލަށް އުފައްދާ ފިލްމު "ސްޕިރިޓް"އަކީ ބަތަލާ ތުރިޕްތީ ދިމްރީގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އަގު ހުށަހެޅި ފިލްމު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތައް މުގުރާލި ފިލްމު "ބާހޫބަލީ"އިން އާއްމުންގެ މަގުބޫލުކަން ލިބުނު ސައުތު އެކްޓަރު ޕްރަބާސްއާ އެކު ތުރިޕްތީ ފެންނާނެ މި ފިލްމަށް ބަތަލާ ސޮއިކޮށްފައި ވަނީ ހަ ކްރޯޑު ރުޕީސް (722،900 އެމެރިކާ ޑޮލަރަ)ށް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ފިލްމު "ސްޕިރިޓް"އިން ލިބުނު ފުރުސަތާ އެކު މިއީ ބަތަލާ ތުރިޕްތީގެ ކެރިއަރު އިތުރު އުސްމިނަކަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ފިލްމެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ސަންދީޕްގެ ފިލްމު "އެނިމަލް"ގައި ތުރިޕްތީ ކުޅުނު ރޯލާ އެކު ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ބަތަލާއަށް ލިބުނެވެ. ހަމައެއާއެކު ފިލްމު ޕްރޮޑިއުސަރުންގެ ގިނަ ހުށަހެޅުންތަކެއް ތުރިޕްތީއަށް އައީ ލިބެމުންނެވެ.

ބަތަލާ ތުރިޕްތީ އަދި ސައުތު އެކްޓަރު ޕްރަބާސް--ފޮޓޯ/މިޑްޑޭ
ތުރިޕްތީއަށް ފިލްމު "ސްޕިރިޓް"އިން ފުރުސަތު ލިބުނީ މި ފިލްމަށް ކުރިން ގެންނަން ނިންމި ބަތަލާ ދީޕިކާ ޕަދުކޯން އާއި ސަންދީޕާ ދެމެދު ކުރެވުނު މަޝްވަރާތަކާ ގުޅިގެން ދީޕިކާގެ ފަރާތުން ހުށަހެޅި ޝަރުތުތަކަށް އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ.
އެގޮތުން ދީޕިކާ މި ފިލްމު ކުޅެދޭން އެއްބަސްވެފައި ވަނީ 20 ކްރޯޑު ރުޕީސް (200 މިލިއަން އެމެރިކާ ޑޮލަރަ)ށެވެ. މީގެއިތުރުން ދީޕިކާ ވަނީ ފިލްމުން ފައިދާގެ ގޮތުގައި ލިބޭ އާމްދަނީގެ ބައެއް ވެސް ހޯދުމަށް ޝަރުތުކޮށް ދީޕިކާގެ ޝެޑިއުލްތަކުގައި މަސައްކަތް ކުރެވޭނީ އެންމެ ހަ ގަޑިއިރު ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ސަންދީޕް އާއި ދީޕިކާއަށް އެއްބަސްވުމަކަށް ނާދެވުމުން ބަތަލާ ވަނީ އެންމެފަހުން މި ފިލްމުން ވަކިވެފައެވެ.
ފިލްމު "ސްޕިރިޓް"ގެ ސްކްރިޕްޓް އަދި ފިލްމުގައި ގެނެސްދޭ ވާހަކައިގެ ޕްލޮޓް ބަތަލާ ދީޕިކާގެ ފަރާތުން އާއްމުންނަށް ލީކުވުމާ ގުޅިގެން ޑައިރެކްޓަރު ސަންދީޕް ވަނީ ނުސީދާ ގޮތަކަށް ދީޕިކާއަށް އަމާޒުކޮށް އެކްސްގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އާއްމުންގެ ގިނަ ބަޔަކު ބުނެފައި ވަނީ ދީޕިކާ އަކީ ހީކުރިހާ ޕްރޮފެޝަނަލް ތަރިއަކަށްނުވި ކަމަށެވެ.