އިންޑިއާގެ ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް"އިން މިހާރު ވަކިވެފައިވާ ބަތަލާ ދީޕިކާ ޕަދުކޯން އެ ފިލްމަށް ހުށަހެޅި ޝަރުތުތަކަށް ތާއީދުކުރާ ކަމަށް ޑައިރެކްޓަރު މަނީ ރަތުނަމް ބުނެފިއެވެ.
ފިލްމު "ސްޕިރިޓް"އަށް ހުށަހެޅި ބޮޑު ފީއާ އެކު ދީޕިކާ ވަނީ އެ ފިލްމަށް ދެވޭނީ އަށް ގަޑިއިރު ކަމަށާއި އޭގެތެރެއިން މަސައްކަތް ކުރެވޭނީ ޖުމްލަ ހަ ގަޑިއިރު ކަމަށް ބުނެފައެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ފިލްމު "ތަގް ލައިފް"ގެ ޑައިރެކްޓަރު މަނީ ރަތުނަމު ބުނެފައި ވަނީ ދީޕިކާގެ އެ ޑިމާންޑަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
ދީޕިކާ އަކީ ވަރަށް ތުއްތު ކުއްޖެއްގެ މަޔަކަށްވެފައި މިއީ އަލަތު ދަރިފުޅަށް މައިމީހާގެ ބޭނުން އެންމެ ބޮޑަށް ބޭނުންވާނެ ދުވަސްވަރަށް ވެފައި ޒުވާން މައެއްގެ ހައިސިއްޔަތުން ބަތަލާ ކުރި ޑިމާންޑުތަކަކީ އެންމެ ރަނގަޅު ނިންމުން ކަމަށް މަނީ ރަތުނަމް ވަނީ ބުނެފައެވެ.
ދީޕިކާގެ އެ ޑިމާންޑަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މަންމައިންނަށާއި ކުރިމަގުގައި މައިންނަށް ވާން އުޅޭ ބަތަލާއިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި މަސައްކަތުގެ ދާއިރާގައި އަންހެނުންގެ ބޭނުންތައް ހާމަކުރުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ކުޅަދާނަ ޑައިރެކްޓަރު ވަނީ ފާހަގަކޮށްފައެވެ.

ފިލްމު "ސްޕިރިޓް"އަށް ފަހުން ގެނެވުނު ބަތަލާ ތުރިޕްތީ ދިމްރީ--ފޮޓޯ/ފިލްމުފެއަ
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން މަންމައިންނަށް ވެފައިވާ ފިލްމީ ތަރިންގެ މިފަދަ ޑިމާންޑްތަކާ މެދު ވިސްނައި އެކަމަށް މަގުފަހިކޮށްދިނުމަކީ ކޮންމެ އިންޑަސްޓްރީއަކުން ވެސް ކޮށްދިނުން މުހިއްމު ކަމެއްގެ ގޮތުގައި މަނީ ރަތުނަމް ވަނީ ފާހަގަކޮށްފައެވެ.
އެގޮތަށް ރުހި ގަބޫލުނުވާނަމަ ދެ ފަރާތަށް ރަނގަޅު ގޮތަކަށް ކަންކަން ނިންމައި ކުރިއަށް ދިއުން ރަނގަޅު ކަމަށާއި ދެ ފަރާތުން ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިއްމު އަދި އެންމެ ރިވެތި އުސޫލު ކަމަށް ސައުތު ސިނަމާގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
މަނީ ރަތުނަމްގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަޖޭ ދޭވްގަން ވެސް ދާދިފަހުން މީޑިއާގައި ބުނެފައި ވަނީ ބަތަލާއިންގެ މިފަދަ ޑިމާންޑުތަކަކީ މާބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
ކޮންމެ ފިލްމީ ތަރިއަކަށް ވެސް އެ މީހެއްގެ އާއިލާ މުހިއްމުވާނެ ކަމަށާއި ފިލްމީ ތަރިން ވެސް މަސައްކަތް ކުރަނީ އާއިލާއަށް އާމްދަނީ ހޯދައިދިނުމަށް ކަމަށްވާއިރު ފިލްމީ ތަރިންގެ ފަރާތުން ލިބޭ އެފަދަ ޑިމާންޑުތަކަށް ފިލްމު އުފައްދާ ފަރާތްތަކުން އިހުތިރާމް ކުރުމަށް ދެ އެކްޓަރުން ވެސް ވަނީ ގޮވާލާފައެވެ.