ސުޕްރީމް ކޯޓަށް އައްޔަންކުރަން ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު: ސުޕްރިމް ކޯޓަށް އައްޔަނުކުރަން ސަލީމާއި ހަމީދުގެ ނަން، ރައީސް މަޖިލީހަށް ފޮނުއްވައިފި --

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރުހުން ހޯދަން, އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ، ޕީއެންސީގެ ސުޕަ މެޖޯރިޓީން ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ފަހެވެ.

އެއަށް ފަހު، ފަނޑިޔާރުކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވޭތޯ ވެސް ސުވާލެއްގެ ތެރޭގައި އޮއްވައެވެ.

އެ ފަނޑިޔާރު ސުޕްރީމް ކޯޓަށް އައްޔަންކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލަ ލަސްކޮށްދިނުމުން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށް ބެންޗަށް ވަނީ ބަދަލު ގެނެސްފައެވެ. އެ މައްސަލައިގައި ސަސްޕެންޑުކުރި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާއާއި، ފަނޑިޔާރު މަހާޒްގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ. އެއަށް ފަހު އަޒްމިރަލްދާއާއި މަހާޒް ވަނީ މަގާމުން ވަކިކޮށްފައެވެ.

https://sun.mv/206013

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެހެންވެ، ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން އެ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބެލީ އަޒްމިރަލްދާގެ ފިރިކަލުން ޑޮކްޓަރު އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އެކަމަކު، އެ މައްސަލައިގައި މަހާޒް ދަށު ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލި ފަހުންކަން ޖޭއެސްސީގެ ރިޕޯޓުން ވެސް އެނގެއެވެ.

comment ކޮމެންޓް