އެތެރެއިން: މެންބަރުން ފިއްތައިގެން ނުބޭތިއްބޭނެ، ފެޅޭނެ؟

މަޖިލީހުގެ ރައީސް އަބްދުއްރަޙީމާއި ރައީސް މުއިއްޒު: މަޖިލީސް އޮތީ ރައީސްގެ ކޮންޓްރޯލްގައި -- ފޮޓޯ/ މަޖިލީސް

ދިވެހި ވެރިކަމުގެ ނިޒާމު އެކުލެވިފައި އޮންނަ ގޮތުން ވެރިކަމެއްގެ ބާރުގަދަވާން ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ކޮންމެހެން ވެސް ބޭނުންވެއެވެ. މަޖިލީހުގެ ކޮންޓްރޯލް ނުވާނަމަ، ވެރިކަން ކުރާކަށް ފަސޭހައެއް ނުވާނެއެވެ. އެ މަޖިލީހުގެ ކޮންޓްރޯލް އޮވެއްޖެ ނަމަ، އެ ވެރިކަމެއް އިންތިހާއަށް ބާރުގަދަ ވެސް ވެއެވެ. އެއީ، މި ކުރު މާޒީގައި ފެންނަން އޮތް ހަގީގަތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ހިނގާ ވެރިކަން ވެސް އެ ހަގީގަތުން އިސްތިސްނާއެއް ނުވެއެވެ.

އެ މަނިކުފާނަށް 'ބޭނުންފުޅު' ހުރިހާ ކަމެއް ކުރެއްވެނީ މަޖިލީހުގެ ކޮންޓްރޯލް އެހެން ހުރިހާ ސަރުކާރަކަށް ވުރެ މާ ބޮޑަށް އޮތީމައެވެ. އެ މަނިކުފާނުގެ ޕީއެންސީއަށް ނިސްބަތްވާ 76 މެންބަރުންގެ ސުޕަމެޖޯރިޓީ އެ އޮތީ ރައީސް ބޭނުންފުޅު ކޮންމެ ކަމަކަށް 'އާދެ، ލައްބަ' ވިދާޅުވާށެވެ. އަމިއްލަ ކަރުގައި 'މަޅި'އެއް އެޅުއްވި ބަޔަކު ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރުން: މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސްގެ އަތްޕުޅުގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީއެންސީ މެންބަރުން މަޑުމަޑުން ތިއްބަވަނީ ބޭނުންވެގެންނެއް ނޫނެވެ. މި ވަގުތަށް އެންމެ ރަނގަޅު ގޮތް ވީމައެވެ. ހިތުން ރުހުމުން މި ސަރުކާރާ މެދު ހިތްހަމަޖެހި ތާއީދުކޮށްގެންނެއް ނޫނެވެ. މި ވަގުތު މުހިންމު އެހެން ކަންކަން ހުރީމައެވެ.

އަޑުނީވޭ ހިސާބުގައި ދައްކާ 'ސިއްރު' ވާހަކައިން އެ ކަންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ހިތުގައި އޮތީ ކޯޗެއްކަން ވެސް އެނގެއެވެ. ބޭނުންވާ ގޮތް ވެސް އެނގެއެވެ.

ލޯޔަލްޓީ އެލަވަންސާއި ޓިކެޓުގެ އުންމީދު

"މިހާ ކުރީކޮޅު ސަރުކާރާ ފެޔަށްޖެހޭކަށް އެފޯޑެއް ނުކުރެވޭނެ. ވަރަށް ބައިވަރު ފައިސާ ޚަރަދުކޮށްގެން އެނބުރި މެންބަރުކަމަށް އައީ. އެހެންވީމާ، އަދި މިއީ އެ ވަގުތެއް ނޫން،" ވަރަށް އަޑުހަރުކޮށް ތަޅުމުގައި ސަރުކާރު ދިފާއުކުރައްވައި ޕީއެންސީގެ ސީނިއާ މެންބަރަކު މަޑުމަޑުން ސިއްރުސިއްރުން ވިދާޅުވިއެވެ. އެހާ މަޑުމައިތިރިކޮށް ވާހަކަދެއްކީމާ އޭނާއާ ނުވެސް ގުޅެއެވެ.

ޕީއެންސީގެ ތެރޭގައި ސަރުކާރާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. އެއީ، ދޮގުނުކުރެވޭނެ ހަގީގަތެކެވެ.

މި ވާހަކަތައް ދެކެވޭއިރަށް ވަރަށް ބަދަހިކަމާ އެކު ރައީސްގެ ފަހަތްޕުޅުގައި މި ތިބީ ސާބިތުކަމާ އެކީއޭ ވިދާޅުވާނެއެވެ. އެކަމަކު އެއީ މި ވާހަކަތައް މިދިޔަ ރިޔާސީ އިންތިޚާބުތެރޭ ދެއްކީމާ 'އަބަދު ވެސް ތިބޭނީ ރައީސް [އަބްދުﷲ] ޔާމީން ފަހަތްޕުޅުގައޭ' ވިދާޅުވި ބޭފުޅުންނެވެ. އޭރު ވެސް މިހާރު ވެސް ހިތުގައި އޮތީ އެހެން އެއްޗެކެވެ. ފާޅުގައި އެ ވާހަކަ ވިދާޅުވާން ކެރިވަޑައިނުގަންނަވަނީއެވެ.

މަޖިލީހުގެ މެންބަރުން: ޕީއެންސީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އެބައޮތް -- ފޮޓޯ/ މަޖިލިސް

"މަޖިލީހުގައި ގިނަވާނީ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ސަރުކާރާ ދުރުވާން ބޭނުންވާ މެންބަރުން. ކުޑަ ދަށުގައި، ސައިކޮޓަރީގައި ދައްކާ ވާހަކައިން އެބަ އެނގޭ އެކަން،" މި ފަހުން ތަންކޮޅެއް ބޮޑަށް 'ފިއްލަވައިގެން' އުޅުއްވާ މެންބަރަކު ކިޔައިދެއްވިއެވެ.

މެންބަރުންގެ ބައިވަރު ކަންބޮޑުވުންތައް އެބަހުއްޓެވެ.

އެއް ކަމަކަށް، ސަރުކާރު ހިންގާ ގޮތް ކަމަކު ނުދެއެވެ. ރައްޔިތުން ތިބީ ރުޅިގަދަވެފައެވެ. އެ މެންބަރުން ހޮވި ދާއިރާތަކުގައި މަޝްރޫއުތަކެއް ނުހިންގެއެވެ. އެ މެންބަރުންގެ ތާއީދު ވެސް ދަށްވަނީއެވެ. މިހެންވަންޏާ ''ދެން ނުހޮވޭނޭ'' އެނގޭހާ ބޮޑަށެވެ. އަނެއް ކަމަކަށް މަޝްރޫއުތައް ނުހިނގަންޏާ މެންބަރުންގެ ޖީބަށް ކުރިން ވަންނަ ކިތަންމެ އެއްޗެއް ނުވަންނާނެއެވެ.

"މި ސަރުކާރާ އެކު 2028 އާ ޖެހެންދެން ހުރެފައި ރައީސާ އެކު ކުރިމަތިލިޔަސް ދެން ނުހޮވޭނެ. އެހާ ބޮޑަށް ޕޮޕިއުލާރިޓީ ދަށްވެއްޖެ. އެހެންވީމާ ސަރުކާރާ އެކު ހުރުން އެއީ ޕޮލިޓިކަލީ ލިބޭ ގެއްލުމެއް އަސްލު. އެކަމަކު، މިއީ އަދި ނުކުންނަންވީ ވަގުތެއް ނޫން. އަދި މާ އަވަސް،" ތިޔަހާ ހިތްހަމަޖެހިވަޑައިނުގަންނަވަންޏާ، ފިތި ބާރުވެފައި ތިޔަ ހުންނަވަނީ ކީއްވެހޭ ސުވާލުކުރީމާ ކުރިން ވާހަކަދެއްކި މެންބަރު ވިދާޅުވިއެވެ.

މެންބަރުންގެ ވާހަކައިން އެނގުނީ އެ މެންބަރުންގެ ހިތްތަކުގައި 'ގޮނޑި ގެއްލޭ އިސްލާހާ' މެދު ބިރުވެރިކަމެއް ނެތް ކަމެވެ. އެ އިސްލާހު އެހެން އޮތުމަށް ވުރެ އެ މެންބަރުން ޕީއެންސީގައި ތިއްބަވަނީ އިތުރު އެހެން ސަބަބުތަކެއް ހުރުމުންނެވެ.

މެންބަރު އަޒާނާއި ރައީސް މުހައްމަދު މުއިއްޒު: އަޒާން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައި -- ފޮޓޯ/ އަޒާން، ފޭސްބުކް

އެކި މަސްދަރުތަކުން އެނގުނު ގޮތުގައި ގޮނޑި ގެއްލޭ އިސްލާހު ފާސްކުރިޔަސް އެ މެންބަރުންގެ ގޮނޑި ގެއްލުވާލާފައި، އިދިކޮޅު އެންމެން އެއްގަލަކަށް އެރުމުން އިންތިޚާބަކާ ކުރިމަތިލާން ސަރުކާރަށް ކެރޭނެ ކަމަކަށް އެ ބޭފުޅުން ގަބޫލެއްނުކުރައްވައެވެ. އޭގެ އެންމެ ރަނގަޅު އެއް މިސާލަކީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ.

ސަރުކާރަށް ފާޑުވިދާޅުވެފައި، 'ތިޔައީ ގޯހެއް' ކަމަށް ވިދާޅުވެ ޝަރުއީ މިނިވަންކަމުގެ ދިފާއުގައި އަޒާން ވޯޓުދެއްވިއެވެ. އެ ކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ރައީސް މުއިއްޒުގެ އެންގެވުމަށް އަޒާން ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލިއެވެ. އޭގެ ފަހުން ޕީއެންސީގެ ބައްދަލުވުންތަކާއި އެއްވުންތަކުން ވެސް އޭނާ ނުފެނެއެވެ. އޭނާއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނެވެ. ދެންމެދެންމެ ޕާޓީން ބޭރުކޮށްފާނޭ ހީވިއެވެ.

އެކަމަކު، އަޒާން އަދިވެސް އެ ހުންނެވީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.

އެއީ، މައިގަނޑު ދެ ސަބަބެއް އޮތުމުންނެވެ. ގާނޫނުއަސާސީ އިސްލާހުކުރިޔަސް އެ މާއްދާ އޮތް ގޮތުން އަޒާން ޕާޓީން ވަކިކުރުމާ އެކު ގޮނޑި ގެއްލޭނެތޯ އެއީ ސުވާލެކެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބަސްފުޅުން ނަމަ ގޮނޑިއެއް ނުގެއްލޭނެއެވެ. އެއަށްވުރެ ބޮޑު އަނެއް ސަބަބަކީ ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީއަކުން އަޒާންގެ ފަހަތަށް އެރުމެވެ. އެމްޑީޕީއާއި މި ސަރުކާރުން އެންމެ ޖެހިލުންވާ ޔާމީން ވެސް ވިދާޅުވީ، ގޮނޑި ގެއްލުވާލައިފި ނަމަ އަޒާންގެ ކެމްޕޭންގައި އުޅުއްވާނެ ކަމަށެވެ.

ސަރުކާރަށް މި ދަނޑިވަޅު އެ 'ރިސްކް' ނެގޭކަށް ނެތެވެ. ޕާޓީން ވަކިކޮށް، ގޮނޑި ގެއްލުވާލައި ފަހުން އަޒާން އަނބުރާ މަޖިލީހަށް އިންތިޚާބުވެއްޖެ ނަމަ، ސަރުކާރަށް މާ ބޮޑު 'ޑެމޭޖެއް' ލިބޭނެއެވެ.

"ފަޅައިގެން ދާނެ، އެ ޔަގީން"

މަޖިލީސް މެންބަރުން ސަރުކާރާ އެކު މިހާރު އެ ތިއްބަވާ މައިގަނޑު ސަބަބަކީ ކޮންމެ މަހަކު ރައީސް މުއިއްޒު އެ މެންބަރުންނަށް ދެއްވަވާ 50،000 ރުފިޔާއެވެ. ތަކުރާރުކޮށް، ނުދެއްވަމޭ މެންބަރުންނަށް ފައިސާއެއް ނުބައްސަވަމޭ ވިދާޅުވިޔަސް އެކަން ކުރައްވައެވެ. މެންބަރުން އަމިއްލައަށް އެ ވާހަކަ ކިޔައިދެއްވައެވެ. ރިޝްވަތުގައި ޖެހިވަޑައިގަންނަވާކަން އެއްބަސްވެލައްވައެވެ.

އިތުބާރު ހުރި އެތައް މަސްދަރަކުން އެނގުނު ގޮތުގައި ރައީސް ކޮންމެ މަހަކު ދެއްވާ 50،000 ރުފިޔާގެ 'ލޯޔަލްޓީ އެލަވަންސް' އަދިވެސް ވަފާތެރި މެންބަރުންނަށް ދެއްވައެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބައެއް މެންބަރުންގެ ގިނަ ކަންބޮޑުވުންތަކެއް ސަރުކާރާ މެދު އެބައޮތް -- ފޮޓޯ/ މަޖިލިސް

އެ ބޭފުޅުން ފެޔަށް ޖެހިވަޑައިގަތުމާ މެދު ދެވަނަ ވިސްނުމަކަށްދާ އަނެއް ސަބަބަކީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމެވެ. ރައީސްގެ ވިސްނުންފުޅަކީ، ދެ އިންތިޚާބު އެއްކޮށްލުމެވެ. އެކަމަކު، އޭގެ ފަހަތުގައި ވެސް އޮތީ މެންބަރުން އިތުރަށް 'ކޮންޓްރޯލް'ކުރުމެވެ.

"ރައީސާ އެކު 2028ގައި ވާދަކޮށް، ރަނގަޅު ފަންޑަކާ އެކު އަލުން އިންތިޚާބުވެވޭނެކަމުގެ އުންމީދު އަދިވެސް އެބައޮތް. އެހެންވީމާ، އަދި މާ އަވަސް އަސްލު ސަރުކާރަށް ފާޑުކިޔަން. ފާޑުކިޔައިފިއްޔާ ޓިކެޓެއް 2028ގައި ނުލިބޭނެ،" ޕީއެންސީގެ ސީނިއާ މެންބަރަކު އެ ބޭފުޅާގެ ވިސްނުން ކިޔައިދެއްވިއެވެ.

އެކަމަކު، ސިޔާސީ މާޒީން ބުނެދެނީ އެހެން ވާހަކައެކެވެ.

މާޒީ ބުނެދެނީ އަބަދު 'ތަޅުއަޅުވައިގެން' ނުގެންގުޅެވޭނޭ

އާ ގާނޫނުއަސާސީއާ އެކު އުފެދުނު ފުރަތަމަ ވެރިކަން ފިޔަވާ ހުރިހާ ވެރިކަމަކަށް ވެސް ކުރީ ވެރިކަމަށް ވުރެ ބޮޑު މެޖޯރިޓީއެއް މަޖިލީހުން ލިބެއެވެ. އެކަމަކު، އެ ކޮންމެ ވެރިކަމެއްގައި ވެސް ފަހުކޮޅު، ރައްޔިތުންގެ އުދާސްތައް ފަޅައިގެން ދިއުމާ އެކު މަޖިލީހުގައި ވެސް ރެނދުލައެވެ. އެ ހަގީގަތާ މި ސަރުކާރަށް ވެސް ކުރިމަތިލާން ޖެހޭނެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ފެނުނީ އެ ހަގީގަތެވެ.

މި ވެރިކަމަށް ވުރެ އެ ވެރިކަން މާ ބާރުގަދައެވެ. ގިނަ މެންބަރުން ތިއްބެވީ ވެސް މިއަށްވުރެ މާ ބޮޑަށް ރުހިގެންނެވެ. އެކަމަކު، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، އެ ސަރުކާރުގެ މަގުބޫލުކަން ގެއްލޭހެން ހީވުމުން ކިތަންމެ ވަރުގަދަ 'ޗެންޗޭނެއް' ޖަހާފައި ހުއްޓަސް މެންބަރުން 'ތަޅުއަޅުވާފައި' ނުބޭތިއްބޭނެކަން އެނގި ހާމަވިއެވެ.

އޭރުގެ ސަރުކާރާ ވަކިވެއްޖެ ނަމަ އޮތީ 'ބިރުވެރި، ނިކަމެތި' ދުވަސްވަރެއްކަން މެންބަރުންނަށް އެނގެއެވެ. އެކަމަކު، ވެސް ވަގުތު އައިސް ޖެހުނީމާ ބިރު ފަހަނައަޅައި ދިޔައެވެ.

ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ހިނގި 'ހައިޖާނު'ގެ ތެރެއިން: ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް މާ ބޮޑު މެޖޯރިޓީއެއް ލިބުނެވެ. އެ މެންބަރުން ރުއްސައިގެން، ބޭނުންވާ 'ކަޓް'ތައް ވެސް ބައްސަވައިގެން އެކަން ކުރައްވަން އުޅުއްވިއެވެ. ކުރެވޭނޭ ވެސް ހީފުޅުކުރެއްވިއެވެ. އެކަމަކު، އެ ވެރިކަމުގައި ކަންވީގޮތް އަދި ދިވެހީން ހަނދާނެއް ނުނެތެއެވެ.

އޮފު ކެނޑި، ރައްޔިތުން ނުރުހުންވީމާ މެންބަރުން މަޑުމަޑުން ފެޔަށް ޖެހުނީއެވެ. ސުޕަމެޖޯރިޓީން އެތައް މެންބަރުންނެއް ޕާޓީ ދޫކޮށްލީއެވެ.

ސަބަބަކީ އެންމެ ކަމެކެވެ. އެއީ، ސިޔާސީ މީހުންނަށް އަބަދު ވެސް މުހިންމު ވާނީ އަމިއްލަ ސިޔާސީ ކުރިމަގެވެ. ވަކި ސަރުކާރެއް، ވަކި ފިކުރެއް، ވަކި ޕާޓިއެއް ނޫނެވެ. ސިޔާސީ ކުރިމަގު ހަރާބުވާނެކަން އެނގުނީމާ ދެން ނުހުންނާނެއެވެ. 'ހިލިހިލާ' ޖެހިޔަސް އެ މުގުރާލާފައި ނުކުންނާނެއެވެ.

މާޒީ ކުރަހައިދެނީ އެ ހަގީގަތެވެ.

ރައީސް މުއިއްޒު އެ ހިންގަވަނީ ހުރިހާ ރައީސުން ވެސް ހިންގެވި މަގަކުންނެވެ. އެ މަގުން ދެވޭނީ ވެސް އެއް މަންޒިލަކަށެވެ. ސިޔާސީ އަދި އިންސާނީ ތަބީއަތް ވެސް ބުނެދެނީ އެ ހަގީގަތެވެ.

މެންބަރުން "ތަޅުއަޅުވާފައި" އަބަދަކު ނުބޭތިއްބޭނެއެވެ. ފެޅޭނެއެވެ.

comment ކޮމެންޓް