ވެރިފަރާތުން ހަވާލުނުވާތީ، ފުލުހުން ޓޯކޮށްފައިވާ 568 އެއްގަމު އުޅަނދު ނައްތާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
'އެކްސް'ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ, ނައްތާލާފައިވަނީ ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ކަމަށެވެ.
އެގޮތުން, މިދިޔަ ހޮނިހިރު ދުވަހު 568 އުޅަނދެއް ނައްތާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު ފަހުކޮޅުގައެވެ.
މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.
ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، އެކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މީގެ ކުރިން ފުލުހުންނާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގައިފައެވެ.