އެހީއަށް އެދޭތާ ހަފުތާއެއްތެރޭ އެ ގެއަކަށް ޒިޔާރަތްކޮށް، އެހީ ފޯރުކޮށްދެން: ޖެންޑާ މިނިސްޓްރީ

މިއަދުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި މިނިސްޓްރީން ވަނީ ހާލު ކިހިނެތް ޕްރޮގްރާމުގެ މައުލޫމާތުތައް ހިއްސާކޮށްފައި ---- ފޮޓޯ/ މަޖިލިސް

މިހާރު އެކި ހަލާތްތަކުގައި މީހުން އެހީއަށް އެދޭތާ ލަސްގެން ހަފުތާއެއް ތެރޭ އެ ގެއަކަށް ޒިޔާރަތްކޮށް، އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސޯޝަލް، އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ މެއި 30ވަނަ ދުވަހު ފަށައި، މިނިސްޓްރީން ކުރިއަށް ގެންދާ 'ހާލު ކިހިނެތް؟' ޕްރޮގްރާމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ، އެ މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްފައެވެ.

މިމކޮމިޓީ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ވިދާޅުވީ، މިހާތަނަށް އެ ޕްރޮގްރާމުގެ ތެރެއިން 14،000 އަށްވުރެ ގިނަ ގޭބީސީތަކަށް ޒިޔާރަތްކޮށް، ހާލު ބެލިފައިވާ ކަމަށެވެ.

އެއީ، މާލޭ ސަރަހައްދުގެ 4232 ގޭބީސީއާއި އަތޮޅުތެރޭގެ 10،623 ގޭބީސީއެވެ. 16 އަތޮޅެއްގައި މިހާރު މި ޕްރޮގްރާމް ފަށާފައިވާ ކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.

އެ ޕްރޮގްރާމުގެ ސަބަބުން، ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ފެށި، އެކި މައްސަލަތަކުގައި މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރާ މީހުން އިތުރުކުރެވިފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި މިނިސްޓްރީން ވަނީ ހާލު ކިހިނެތް ޕްރޮގްރާމުގެ މައުލޫމާތުތައް ހިއްސާކޮށްފައި ---- ފޮޓޯ/ މަޖިލިސް

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި މިހާރު ކޮންމެ ދުވަހަކު ވެސް އެހީއަށް އެދި ގުޅާ މީހުންނަށްދީ، އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުވިފައިވާކަން ލަހުފާ ފާހަގަކުރެއްވިއެވެ.

... އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެހީތެރިކަމަށް ބޭނުންވާ ފަރާތެއް ހުރެއްޖެނަމަ ނުވަތަ މިނިސްޓްރީން ގޭބީސީއަށް ޒިޔާރާތްކުރަން އެދޭނަމަ އަޅުގަނޑުމެންގެ ހޮޓްލައިން ނަންބަރު 1433އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރީމާ މާލެ ސަރަހައްދުން 24 ގަޑިއިރުގެ ތެރޭގައި އަދި އަތޮޅުތެރެއިން އެންމެ ލަސްވެގެން ހަފުތާއެއްގެ ތެރޭގައި އެ ގޭބިސީއަކަށް ޒިޔާރާތްކޮށްގެން އެހީތެރިކަން ފޯރުކޮށްދޭން

މި ޕްރޮގްރާމުގެ ދަށުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ނާޒުކު ހާލަތާއި ފުދުންތެރިކަން ދަށް އާއިލާތަކުން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ މީހުން އިގުތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ވަޒީފާ އަދާކުރެވޭ ހާލަތުގައި ތިބި މީހުންނަށް އެ ފުރުސަތު ދޭން ފަށާފައިވާކަމަށް ވެސް ލަހުފާ ވިދާޅުވިއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް -- ފޮޓޯ/ މިނިސްޓްރީ

އިތުރަށް އޭނާ ވިދާޅުވީ، ގޭބީސީތަކަށް ޒިޔާރާތްކުރާއިރު، އެންމެ ބޮޑަށް އިސްކަންދެނީ އެހީއަށް ބޭނުންވާ ހާލަތްތަކުގައި ކަންކުރާނެ ގޮތާއި ގުޅާނެ އިދާރާތަކުގެ ހޮޓްލައިނާއި މައުލޫމާތު ދިނުމަށް ކަމަށެވެ.

comment ކޮމެންޓް