ދިވެހި ރާއްޖޭން ހައްޖަށް މިއަހަރު ދާ މީހުން, ސައުދީގައި ހޭދަ ކުރާ މުއްދަތު އެހެން އަހަރުތަކަށް ވުރެ މަދުވީ ސައުދީ އަރަބިއާއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް، ދަތުރަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ، ހައްޖާޖީން އާންމުކޮށް އަޅުކަމުގައި 30 ދުވަސް ހޭދަކުރާ ނަމަވެސް މިފަހަރު ހޭދަކުރަނީ 15 ދުވަސް ކަމަށް ބުނެ، ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޝަހީމް މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ހައްޖުގެ އަޅުކަމުގައި ހޭދަކުރާ މުއްދަތު 15 ދުވަހަށް ސަރުކާރުން ކުރުކޮށްލި ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

ދިވެހި ހައްޖާޖީން ----- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެގޮތުން، އެއް ފުލައިޓުގައި ދިޔަ ހައްޖާޖީން 18 ދުވަސް ހޭދަކުރާނެ ކަމަށާއި ބާކީ ތިން ފްލައިޓުގެ ހައްޖާޖީން 19 ދުވަހު މަޑުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަހަރުތަކެއް ކުރިން، ހައްޖުގެ އަޅުކަމުގައި މަހެއް ހޭދަކުރި ނަމަވެސް، މިފަހުން އާންމުކޮށް ހޭދަކުރަނީ 22 ދުވަހާއި 25 ދުވަހާ ދެމެދުގެ މުއްދަތެއް ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ. އެއީ، ހައްޖުގެ އަޅުކަން ނިންމައި، މަދީނާއަށް ދިޔުމަށްފަހު އެނބުރި މައްކާއަށް ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، މިފަހަރުގެ ހައްޖު ނިންމައި، މަދީނާއަށް އައިސް، މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް އައުމަށް ހަމަޖައްސާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެއީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމާއި ސިއްހަތަށް ބެލުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން ދެމުންދާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވީމާ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަގީންކަން ދެން.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީހަކު ހައްޖަށް ގެންދަނީ 69،965 ރުފިޔާއަށް ކަމަށްވާއިރު، ރާއްޖެއަށް އާންމު ގޮތެއްގައި ލިބެނީ 1،000 ހައްޖު ކޯޓާއެވެ.
މިއަހަރު ވެސް 1000 ހައްޖާޖީން ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔައިރު، އެ ހުރިހާ ހައްޖާޖީންގެ ވެސް ހާލު ރަނގަޅު ކަމަށް ހައްޖު މިޝަންއިން ވަނީ ބުނެފައެވެ.
ދިވެހި ހައްޖުވެރިން މައްކާއަށް ދާން ފުރަންފެށީ މިދިޔަ ހޯމަ ދުވަހެވެ. ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕު ފުރީ މިދިޔަ ހުކުރު ދުވަހެވެ.
މި އަހަރު އަލަށް އިފުތިތާހުކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ. އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވުން ފާހަގަކޮށްލެވެއެވެ.