ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީގައި ތިބި ދިވެހި ހައްޖުވެރިން މިރޭ މިނާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖު މިޝަނާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ދިވެހި ހައްޖުވެރިންނަށް ހައްޖު ކޯޕަރޭޝަނުން މިނާގައި ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ހައްޖު މަހުގެ އަށްވަނަ ދުވަހު ހައްޖުވެރިން މިނާއަށް ގޮސް، އެ ތަނުގައި ރޭ ކުރުމަށްފަހު، އަރަފާތު ދުވަހު ހައްޖުވެރިން ތިބޭނީ އަރަފާތު ބިމުގައެވެ.
އެ ދުވަހުގެ މެންދުރު ނަމާދަށް ފަހު ހައްޖުވެރިން ދުއާކުރުމުގައި އިރުއޮއްސެންދެން ތިބޭނެއެވެ. އެ ދުވަހުގެ އިރު އޮއްސުމުން އަރަފާތް ދޫކޮށް، ހިނގާފައި އެ މީހުން ދާނީ މުޒްދަލިފާއަށެވެ.
މުޒްދަލިފާގައި ރޭކުރުމަށްފަހު އަނެއް ދުވަހުގެ އިރު އެރުމުން މިނާއަށް ގޮސް ޖަމަރަތުލް އަގަބާއަށް ހިލަ އުކާނެއެވެ. ދެން އެނބުރި މައްކާއަށް އައިސް ޠަވާފު ކުރުމަށް ފަހު ބޯބާލާނެއެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހު އެ މީހުން މިނާގައި މަޑުކޮށްގެން ތިބޭއިރު، އެއިން ކޮންމެ ދުވަހަކު މަޑުކޮށްގެން ތިބޭނީ ތިން ޖަމަރާތަށް ހިލަ އުކާނެއެވެ.
ހައްޖުގެ އަޅުކަމަށް މިއަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މިއަހަރު ވަނީ ލިބިގެންގޮސްފައެވެ.
އެގޮތުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ހައްޖު މިޝަނުން ބުނެއެވެ.
ހައްޖުވެރިންނާ ގުޅޭ ކަންކަން ސައުދީ ސަރުކާރާއި ގުޅިގެން ދިވެހި ހައްޖު މިޝަންއިން ކުރަމުންދާއިރު ސައުދީ ސަރުކާރުގެ ޚާއްސަ މެހެމާންދާރީގައި ރައީސްގެ ދެކަނބަލުން ވެސް ވަނީ ހައްޖުގެ އަޅުކަމަށް ވަޑައިގެންފައެވެ.