ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ލަވަކިޔުންތެރިޔާ ކަމަށްވާ ޓޭލާ ސްވިފްޓްގެ ކުރީގެ ރެކޯޑު ލޭބަލް އަތުގައި ހުރި އޭނާގެ އޮރިޖިނަލް އަލްބަމްތައް އޭނާ އަމިއްލަ ނަމަށް ގަނެފިއެވެ.
ޓޭލާ ސްވިފްޓްގެ ރިކޯޑު ލޭބަލްގެ ދަށުން އޭނާ ވަނީ ހަތް އަލްބަމް ނެރެފައެވެ. ނަމަވެސް، އެ ރެކޯޑު ލޭބަލްގެ ދަށުން އޭނާއަށް އަލްބަމްތަކުން އެއްވެސް ފައިދާއެއް ނުލިބޭނެ ގޮތަށް އެއްބަސްވުން ހެދީ އެންމެ ފުރަތަމަ އަލްބަމްއާ އެކުގައެވެ. އަލްބަމުން ލިބޭ ފައިދާތަކުގެ ބަދަލުގައި އޭނާއަށް ކުންފުނީން ކަނޑައަޅާފައިވަނީ ވަކި އާމްދަނީއެކެވެ. އެއާ ގުޅިގެން ރެކޯޑް ލޭބަލްއިން އޭނާ ވަކިވީއެވެ.
ރެކޯޑް ލޭބަލްއިން ވަކިވުމާ އެކުގައި ވެސް ޓޭލާއަށް އޭނާގެ އަމިއްލަ މިއުޒިކް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. އެއާއެކު އޭނާ މަސައްކަތް ފެށީ ހުރިހާ އަލްބަމްތަކެއް އަމިއްލައަށް ރިކޯޑު ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން ޓޭލާ ވަނީ ފަސް އަލްބަމެއް އޭނާ އަމިއްލަ ނަމުގައި އަލުން ކިޔައި އެ ރިކޯޑު ކޮށްފައެވެ.
ނަމަވެސް، ދާދިފަހުން ޓޭލާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ވަނީ އޭނާގެ ކުރީގެ އަލްބަމްތައް އަމިއްލަ ނަމަށް ބަދަލުކޮށް އެ ގަނެފައެވެ. ޓޭލާ އޭނާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކުރީގެ އަލްބަމްތައް ވަނީ ދާދިފަހުން އަލުން ގަނެފައިވާ ކަމަށެވެ. އެއާއެކު އޭނާގެ ކުރީގެ އަލްބަމްތަކާއި ފަހުގެ އަލްބަމްތައް މިހާރު ހުރީ އޭނާގެ ނަމުގައި ކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަލްބަމްތައް ގަނެފައިވަނީ 360 މިލިއަން ޑޮލަރަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ޓޭލާ އޭނާގެ އަލްބަމްތަކަށް ފައިސާ ދައްކާފައިވަނީ އެއްފަހަރުގެ މަތީންނެވެ.