ހެއިލީގެ ރޯޑްސް އެއް ބިލިއަނަށް ވިއްކާލައިފި

މަޝްހޫރު މޮޑެލް އަދި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާގެ ބިއުޓީ އަދި ކޮސްމެޓިކް ބްރޭންޑް ރޯޑްސް އެއް ބިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އެމެރިކާގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި ކަމަށްވާ އެލްފްއިން ރޯޑްސް ގަތުމަށް ހުށަހެޅުމުން ހެއިލީ ބީބާ ވަނީ މި ހަފުތާގައި އޭނާގެ މަޝްހޫރު ކުންފުނި ވިއްކާލާފައެވެ. ޖުމްލަ އެއް ބިލިއަން ޑޮލަރުގެ މި ޑީލަށް ފަހު ހެއިލީ ބިލިއަނަރަކަށް ވާނެއެވެ.

ރޯޑްސް ބްރޭންޑަކީ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ އެކި ލައިންތަކުން ޚާއްސަ ގޮތެއްގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ސްކިންކެއާ ލައިނެވެ.

ރޯޑްސްއިން އަންނަނީ ކޮންމެ އަހަރެއްގެ ތެރޭގައި ބޮޑު ފައިދާއެއް ހޯދަމުންނެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަނިވެސް އެ ކުންފުނި ވަނީ 212 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

އެލްފްއިން ރޯޑްސް ގަންނާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، ފައިސާގެ ގޮތުގައި އެ ކުންފުނިން ހެއިލީ ބީބާ އަށް 600 މިލިއަން ޑޮލަރު ދޭނެއެވެ. އެއަށްފަހު ބާކީ 400 މިލިއަން ޑޮލަރުގެ ތެރެއިން 200 މިލިއަން ޑޮލަރަށް ވާ އަދަދު ދޭނީ އެލްފްގެ ޝެއާގެ ގޮތުގައެވެ. އަދި ބާކީ 200 މިލިއަން ޑޮލަރުގެ ފައިސާ ދޭނީ ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެން އިންސްޓޯލްމެންޓްގެ ގޮތުގައެވެ.

ހެއިލީގެ އާއިލާގެ ނަމެއް ކަމަށްވާ ރޯޑްސްއަށް ބިނާކޮށް އުފެއްދި މި ބްރޭންޑް ތައާރަފު ކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެއަށްފަހު އެތައް ބައެއްގެ މެދުގައި މި ބްރޭންޑު މަގުބޫލުވެގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

comment ކޮމެންޓް