އެހީ ބަހާ ސަރަހައްދުގައި ދިން ހަމަލާ ތަހުގީގު ކުރުމަށް އދ. އިން ގޮވާލައިފި

ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ވަނީ ޣައްޒާގެ ދެކުނާއި މެދުތެރޭގައި އެހީ ބެހުމުގެ މަރުކަޒު ގާއިމުކޮށްފައި، ފޮޓޯ/އޭއެފްޕީ

އެމެރިކާގެ ކުންފުންޏަކުން ޣައްޒާގައި ހިންގާ އިންސާނީ އެހީ ބެހުމުގެ ސައިޓެއް ކައިރިއަށް ބަޑިޖަހައި 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް ގޮވައިލައްވައިފިއެވެ.

"މި ހާދިސާ ވަގުތުން މިނިވަންކަމާއެކު ތަހުގީގުކޮށް، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ގޮވާލަން،" ގުޓަރޭސް ވިދާޅުވިއެވެ.

"އިއްޔެ ޣައްޒާގައި އެހީ ހޯދަން އުޅެނިކޮށް ފަލަސްތީނު ބަޔަކު ޝަހީދުވެ އަދި ޒަހަމްވި ކަމުގެ ޚަބަރު ލިބުމުން ކަންބޮޑުވި. ކާބޯތަކެތި ހޯދަން ފަލަސްތީނުގެ އާންމުން ފުރާނަ ނުރައްކަލަށް ހުށަހަޅަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،"

އެމެރިކާ އާއި އިސްރާއީލުން ތާއީދުކުރާ ޣައްޒާގެ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުމުގެ މަސައްކަތް ކުރަނިކޮށް ބަޑިޖަހައި މަރާލާފައި ވަނީ އެ ސަރަހައްދަށް ކާބޯތަކެތި ހޯދުމަށް ގޮސް ތިބި ބައެއް ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ހަމާސް އިން ހިގާ ސިވިލް ޑިފެންސް އޭޖެންސީން ބުނީ އިސްރާއީލުގެ އެ ހަމަލާގެ ސަބަބުން 31 މީހުން ޝަހީދުވެ، 179 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުންނަށް އަމާޒުކޮށް ބަޑި ޖެހި ކަމަށް ބުނާ ވާހަކަ އިސްރާއީލުން ދޮގުކުރެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅޭ ރިޕޯޓްތަކަކީ ދޮގު ރިޕޯޓްތަކެއް ކަމަށެވެ.

އަދި އެއީ އެހީ ބަހާ ސަރަހައްދުތަކަށް ޣައްޒާގެ ރައްޔިތުން ދިއުން ހުއްޓުވުމަށް ހަމާސް އިން ފަތުރާ ވާހަކައެއް ކަމަށްވެސް އައިޑީއެފްގެ ތަރުޖަމާނު ބްރިޖް ޖެނެރަލް އެފީ ޑެފްރިން ވަނީ ތުހުމަތުކޮށްފައެވެ.

އެ މީހުން ހަމައެކަނި ކުރި ކަމަކީ އެހީގެ މަރުކަޒާ އެއް ކިލޯމީޓަރު ދުރުގައި، ސިފައިންނާ ދިމާލަށް ދިޔަ ބަޔަކަށް އިންޒާރުގެ ގޮތުން ބަޑި ޖެހުން ކަމަށް ވެސް އައިޑީއެފް އިން ބުނެފައިވެއެވެ.

އިސްރާއީލުން އެގޮތަށް ބުނެފައިވާއިރު، ރަފާހުގެ ތަލް އަލް ސުލްތާން ސަރަހައްދުގައި ހުންނަ ހަމަ އެހީ ބަހާ ސަރަހައްދުގައި ތިބި މީހުން އިއްޔެވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާގައި އދ. އިން ކުރިއަށްގެންދިޔަ އެހީގެ މަސައްކަތްތައް އިސްރާއީލުން ހުއްޓުވުމަށް ފަހު އަލުން ފަށައިގެން އުޅޭ ޖީއެޗްއެފް އާ އެކު މަސައްކަތް ނުކުރާނެ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް