ޣައްޒާގެ ދެކުނުގައި ހުރި ހަމައެކަނި ހޮސްޕިޓަލް ބަންދުކުރުމަށް އިސްރާއީލުން އަމުރުކޮށްފި

ޚާން ޔޫނިސްގައި ހުރި އެމެރިކާއިން ތާއީދުކުރާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން، އަށް އެހީ ޙޯދުމަށް ދިޔަ މީހުންގެ ތެރެއިން ޒަޚަމްވެފައިވާ ބަޔަކު އުފުލުމަށްފަހު އެމީހުންގެ ގައިން ފޭބި ލޭ ދައްކާލަނީ. ފޮޓޯ/ރޮއިޓާސް

ޣައްޒާގެ އުތުރުގައި އޮންނަ އަލް އައުދާ ހޮސްޕިޓަލް ބަންދުކުރުމަށް އިސްރާއީލުން އަމުރުކޮށްފިއެވެ.

ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުން އަންނައިރު، އިއްޔެ އެކަނި ވެސް އެ ސަރަހައްދުން 70 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނީ އައުދާ ހޮސްޕިޓަލް ބަންދުކުރުމަށް އަމުރު ކުރުމަކީ ސިއްޙީ ދާއިރާއާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުރިއަށް ގެންދިއުން ކަމަށެވެ.

އައުދާ އަކީ ޣައްޒާގެ އުތުރުގައި ޚިދުމަތް ދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލެވެ. ހޮސްޕިޓަލް ބަންދުކުރަން އަމުރުކޮށްފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ގެދޮރު ދޫކުރުމަށް މަޖުބޫރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

"ބައިނަލްއަގްވާމީ އަދި އިންސާނީ ގާނޫނުތަކުން ކަށަވަރުކޮށްދޭ ގޮތަށް ޣައްޒާގެ ސިއްހީ ނިޒާމަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ސިއްޙީ ވުޒާރާއިން ގޮވާލަން،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ 13 ބަލިމީހުން ހިމެނޭ ގޮތަށް 97 މީހަކު މިހާރު ވެސް އެ ހޮސްޕިޓަލުގައި އެބަތިބި ކަމަށެވެ. އެޖެންސީން އަންނަނީ ބަލިމީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް ދަތުރުކުރަންޖެހޭ މަގުތަކުގެ ސަބަބުން ހޮސްޕިޓަލުގެ މެޑިކަލް އިކުއިޕްމަންޓްތައް އެހެން ތަނަކަށް ބަދަލު ކުރަން އުދަގޫވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ޣައްޒާގެ ހުރިހާ ހިސާބެއްގައި ހުރި ހޮސްޕިޓަލްތަކަށް ހަމަލާދީ، 1،400 އަށް ވުރެ ގިނަ ސިއްޙީ މަސައްކަތްތެރިންގެ އިތުރުން ބަލިމީހުންނާއި، ހޮސްޕިޓަލްގެ ހިޔާވަހިކަން ހޯދައިގެ ތިބި މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނު އިދާރާތަކުން ބުނެއެވެ.

comment ކޮމެންޓް