ބިންހެލުމާ ގުޅިގެން ޕާކިސްތާނުގެ ޖަލުން 130 ގައިދީން ފިލައިފި

ގައިދީން ފިލައިގެން ދިޔަ މަލީރު ޖަލުގެ ބޭރުގައި ފުލުހުންނާއި ޕެރަމިލިޓަރީ ސިފައިން ފޯރިމަރަނީ. ފޮޓޯ/އޭޕީ

މިއަދު ހެނދުނު ޕާކިސްތާނަށް ބިންހެލުމެއް އައުމާ ގުޅިގެން ޖަލުގައިތިބި ގައިދީންގެ ސަލާމަތަށްޓަކައި ގޮޅިތަކުން ބޭރަށް ނެރުމުން، 130 ގައިދީން ފިލައިފިއެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ކަރާޗީގައި ހުންނަ މާލިރު ޖަލުން ނެރުނު ގައިދީންގެ ތެރެއިން 78 ގައިދީން އަލުން އަތުލައިގަނެވުނު ނަމަވެސް ގާތްގަޑަކަށް 130 ގައިދީން ފިލާފައިވާ ކަމަށް ފުލުހުންގެ އިސް އޮފިޝަލް ކާޝިފް އައްބާސްއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ފިލައިގެން ދިޔަ އެއްވެސް ގައިދީއަކީ ހަނގުރާމަވެރިން ނޫން ކަމަށް ކާޝިފް ވިދާޅުވިއެވެ.

ފިލައިގެން ދިޔަ މީހުންގެ ތެރެއިން އެކަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރި މަސައްކަތުގެ ތެރޭގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ވަނީ މަރުވެފައެވެ.

އެ ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޒިޔާއުލް ހަސަން ލަންޖަރް ވިދާޅުވީ އެއީ ޕާކިސްތާނުގައި މިހާތަނަށް ހިނގި އެފަދަ އެންމެ ބޮޑު އެއް ހާދިސާ ކަމަށެވެ.

ޖަލުން ފިލައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

މާލިރު ޖަލަކީ ސިންދު ޕްރޮވިންސްގައި ހުންނަ ދެވަނައަށް އެންމެ ބޮޑު ޖަލެވެ. މި ޖަލުގައި 2،200 މިހުންގެ ޖާގަ އޮންނަ އިރު، މަދުވެގެން 5،000 ގައިދީން އެ ޖަލުގައި ގެންގުޅޭކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

comment ކޮމެންޓް