ޕާކިސްތާނުން އަފްޣާނިސްތާނަށް ސަފީރަކު ކަނޑައަޅަނީ

އަފްޣާނިސްތާނުގެ އެކްޓިން ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތާގީއާ (ކ) އާއި ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްހާގު ދާރު (ވ).ފޮޓޯ/އޭޕީ

ޕާކިސްތާނުން އަފްޣާނިސްތާނަށް ސަފީރަކު ކަނޑައަޅަން ނިންމާފައިވާކަން އިއުލާކޮށްފިއެވެ. ޕާކިސްތާނުން އެގޮތަށް ނިންމީ އަވަށްޓެރި ދެ ގައުމުގެ މެދުގައި ކުރިން ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރުމުގެ މަގުސަދުގައެވެ.

މިއީ 2021ވަނަ އަހަރުން ފެށިގެން ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ކުރަން ފެށި ފަހުން ޕާކިސްތާނުން އެ ގައުމަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ވަނީ މިދިޔަ އޭޕްރީލް މަހު ކާބުލްއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"މި ގުޅުން ދެމެހެއްޓުމަށްޓަކައި ޕާކިސްތާން ސަރުކާރުން ކާބުލްގައި ޗާޖް ޑި އެފެއާސްގެ ފެންވަރުގެ ސަފީރުކު ބަހައްޓަން ނިންމިކަން އިއުލާން ކުރަން." ދާރް ވިދާޅުވިއެވެ.

މި ނިންމުމަކީ އިގްތިސާދީ އެއްބާރުލުން ހަރުދަނާވެ، ދެގައުމުގެ ވިޔަފާރި ކުރިއަރުވައި، ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުވާނެ ނިންމުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ދާރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އަފްޣާނިސްތާނުން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ. ނަމަވެސް ޕާކިސްތާނުން ކުރިންވެސް ވަނީ ދެ ފަރާތުން ޚާރިޖީ ގުޅުން ރަގަޅު ކުރަން ވިސްނަމުންދާ ކަމުގެ އިޝާރާތެއް ދީފައެވެ.

ތެހްރިކް-އޭ-ތާލިބާން ޕާކިސްތާން ނުވަތަ ޓީޓީޕީގެ ނަމުން މަޝްހޫރު އަދި އަފްޣާން ތާލިބާނުންގެ އެކުވެރިން ކަމަށްވާ ޕާކިސްތާން ތާލިބާނުންނަށް އަފްޣާނިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ޕާކިސްތާނުން ކުރާ ތުހުމަތުތަކާ ގުޅިގެން ދެ ގައުމުގެ މެދުގެ ގިނަ ދުވަސްތަކެއް ވަންދެން އޮތީ ގުޅުން ގޯސްވެފައެވެ.

މީގެއިތުރުން އަފްޣާން ރެފިއުޖީންނާއި ހިޖުރަވެރިން ޕާކިސްތާނުގައި ތިބުމަކީ ވެސް ދެ ގައުމުގެ ގުޅުން ގޯސްވުމުގެ އެއް ސަބަބެވެ. އޭޕްރީލް މަހުވެސް ގާތްގަނޑަކަށް ދިހަހާސް މީހުން އަފްޣާނިސްތާނުގެ ބޯޑަރު ހުރަސްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)އިން ރިޕޯޓުކުރެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އަމުރަށް އޮކްޓޯބަރު މަހުން ފެށިގެން ޕާކިސްތާނުގައި ތިބި ގާތްގަނޑަކަށް ތިން މިލިއަން އަފްޣާން މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާފައެވެ.

ޕާކިސްތާނާއި އަފްޣާން ތާލިބާނުންގެ އެމްބަސީތައް ދެ ގައުމުގައި ހުރި ނަމަވެސް އެތަންތަނުގެ އިސްވެރިންނަކީ ސަފީރަކަށްވުރެ ދަށް ފެންވަރެއްގެ ބައިތިއްބާފައިތިބޭ ބައެކެވެ.

ޕާކިސްތާނަކީ ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އުޒްބެކިސްތާނަށް ފަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ސަފީރެއް ކަނޑައަޅާ ހަތަރު ވަނަ ގައުމެވެ.

ދުނިޔޭގެ އެއްވެސް ގައުމަކުން ތާލިބާނުންގެ ވެރިކަން ރަސްމީކޮށް ބަލައިގެންފައެއްނުވެއެވެ.

comment ކޮމެންޓް