ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނު އިރު، ޖުމްލަ ދަރަނި ހުރީ 13 ބިލިއަނުގައިކަން ހާމަވެއްޖެއެވެ.
އޮޑިޓު އޮފީހުން އާންމުކުރި (އެމްއޭސީއެލް)ގެ މިދިޔަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންނަށް ވަނީ އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023ވަނަ އަހަރާ އަޅައިބަލާއިރު، އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ އާމްދަނީގެ ތެރެއިން 4.7 ބިލިއަން ރުފިޔާ ޚަރަދަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި އެ ކުންފުންނަށް ހަތަރު ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން ހިންގުމުގެ ޚަރަދާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ޖެހުނީ 1.1 ބިލިއަން ރުފިޔާއެވެ. މިއީ 2023ވަނަ އަހަރުގެ ސާފު ފައިދާއަށްވުރެ 198 މިލިއަން އިތުރު އަދަދެކެވެ.
އޮޑިޓުގައިވާ ގޮތުން އެމްއޭސީއެލްގެ ދަރަނި މުޅި ޖުމްލަ 13.4 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ނަގާފައިވާ ދަރަނި ވެސް ހިމަނައިގެންނެވެ. މިއީ 2023ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ހުރި މިންވަރަށްވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއޭސީއެލްގެ ދަރަނީގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ އެކި ދަރަނިތަކަށް ނުދައްކައި 1.6 ބިލިއަން ރުފިޔާ އެބަ އޮތެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ، 26 ޑިސެންބަރު 2023ގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ ފަސް އަހަރުން ދައްކާ ގޮތަށް، ކޮންމެ އަހަރަކަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ބީއެމްއެލްއިން ނެގި ލޯނެކެވެ. މި ލޯނުގެ 40 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 24ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުން ދައްކާގޮތަށް ބީއެމްއެލްއިން ނަގާފައިވެއެވެ. އޭގެ ތެރެއިން ވެސް 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.