225 މިލިއަން ޑޮލަރުގެ ސްކޭމްކުރި ބަޔަކު ދިވެހި ފުލުހުންގެ ބައިވެރިވުމާއެކު ހުއްޓުވައިފި

ދިވެހި ފުލުހުންގެ ބައިވެރިވުމާއެކު، 225 މިލިއަން ޑޮލަރުގެ ސްކޭމްކުރި ބަޔަކު ހުއްޓުވައިފި ---

ދިވެހި ފުލުހުންގެ ޚިދުމަތް ވެސް ހިމެނޭހެން ހަތް ގައުމަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، 225 މިލިއަން ޑޮލަރުގެ ސްކޭމްކުރި ބަޔަކު ހުއްޓުވައިފިއެވެ.

މި އޮޕަރޭޝަނަކީ ހޮންގް ކޮންގް ޕޮލިސް ފޯސްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، މަކާއޯ، މެލޭޝިއާ، ރާއްޖެ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ފެށީ އެޕްރިލް މަހުގެ 28ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގައި 225 މިލިއަން ޑޮލަރުގެ ސްކޭމް ކުރި ބަޔަކު ހުއްޓުވައި، 1،858 މީހުން ވަނި ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ތަފާތު ވައްތަރުގެ ސްކޭމްތައް ފަޅާއަރުވައިލާފައި ވާއިރު، އޭގެތެރޭގައި އޮންލައިން ޝޮޕިން ސްކޭމްތައް، ފޯނުން އޮޅުވައިލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް، އިންވެސްޓްމަންޓް ސްކޭމްތައް، ކުއްޔަށް ދިނުމުގެ ސްކޭމްތައް އަދި ވަޒީފާގެ ސްކޭމްތައް ހިމެނެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން 32,607 ބޭންކް އެކައުންޓު ފްރީޒްކޮށް 20 މިލިއަން ޑޮލަރު ސަލާމަތްކޮށްފައި ވެއެވެ.

މިއަދު މެންދުރު ހޮންގް ކޮންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ކޮމާޝަލް ކްރައިމް ބިއުރޯގެ ޗީފް ސުޕްރިޓެންޑެންޓް ވޮންގް ޗުން ޔޫ ވިދާޅުވީ، ސްކޭމް ކުރުމުގައި އެކި ސަރަހައްދުތަކުގައި އެއްވައްތަރެއްގެ އުކުޅުތަކެއް ގެންގުޅޭކަން މި އޮޕަރޭޝަންގެ ތެރެއިން ފާހަގަވިކަމަށެވެ.

އަދި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސްކޭމްތައް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަވިކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/206533

ސްކޭމް ކުރުމުގެ މައްސަލައަކީ ރާއްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން، މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެމަހެއްހާ ދުވަހުގެތެރޭ އެކަނިވެސް 2.5 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް