މިދިޔަ މަހުގެ 21ގައި ޝޫޓިންގް ފަށާފައިވާ ފިލްމު "ކިންގް"އާ ދާދިފަހުން ގުޅުނު އެކްޓަރު ރާގަވް ޖުޔަލް އެ ފިލްމުގެ ޝޫޓިންގްތެރޭ އުޅެނިކޮށް އަނިޔާވެއްޖެއެވެ.
ޝާހްރުކް ޚާންގެ މުހިއްމު ރޯލަކުން ފެންނާނެ "ކިންގް 2"ގެ އެކްޝަން ސީންއެއްގައި މަސައްކަތް ކުރަނިކޮށް އެކްޓަރު ރާގަވްގެ ފައިގެ ކަކުލަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި ރާގަވްގެ މި ސީންއަކީ ވަރަށް ވަރުގަދަ ސްޓަންޓެއް ދައްކަން ޖެހުނު މަންޒަރެކެވެ. ރިޕޯޓުތައް ބުނާގޮތުން ރާގަވް ވަނީ މީގެ ކުރިންވެސް ކަކުލަށް އަނިޔާވެ އެކަމަށް ހާއްސަ ސާޖަރީއެއް ވެސް ހަދާފައެވެ.
ރާގަވްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ފިލްމު ސެޓުގައި ޑޮކްޓަރުންގެ ޓީމަކުން ވަގުތުން ހަރަކާތްތެރިވި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ރާގަވް މުހިއްމު ރޯލަކުން ފެނުނު "ކިލް"ގެ މަންޒަރެއް ނެގުމުގެތެރޭ ވެސް ކަކުލަށް އަނިޔާވި ކަމަށާއި އެހެންކަމުން އެއީ މިހާރު އޭނާއަށް އާއްމު ތަދެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ކިލް"ގެ މަންޒަރެއްގައި އެކްޓަރު ރާގަވް--ފޮޓޯ/ޕިންކްވިލާ
ކަކުލުގެ ހާއްސަ ސާޖަރީއެއް ހަދާފައިވީ ނަމަވެސް ރާގަވް ނިންމީ ކަކުލަށް ލިބުނު އަނިޔާއަށް ލުޔެއް ލިބުމާއެކު "ކިންގް" މަސައްކަތް އަލުން ފެށުމަށެވެ.
އިންޑިއާގެ ހުނަރުވެރި ނެށުންތެރިޔާ ރާގަވް ޖުޔާލް ފިލްމު "ކިންގް"އާ ގުޅުނުއިރު އޭނާ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޔުދުރާ"ގެ ވެސް ވިލެންގެ ރޯލްއިން ފެނިފައެވެ.
ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި މާފްލިކްސް އާއި ރެޑް ޗިލީސް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ އެންމެ ވަރުގަދަ އެއް ފިލްމެވެ.
ބޮޑު ކާސްޓެއް އެކުލެވޭ މި ފިލްމަކީ ޝާހުގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ. ނަމަވެސް މިއީ ސުހާނާގެ ފިލްމީ ކެރިއަރުގެ ދެވަނަ ފިލްމެވެ.