ފިލްމު "ނޯ އެންޓްރީ 2"ގެ މުހިއްމު ރޯލެއް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އިންޑިއާގެ ޕަންޖާބު އެކްޓަރު ދިލްޖީތު ދޮސާންޖު އެ ފުރުސަތު ދޫކޮށްލައިފިއެވެ.
ދިލްޖީތު ފިލްމުން ވަކިވި ޚަބަރު މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާއިރު މީގެކުރިން ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރު މީޑިއާގައި ބުނެފައި ވަނީ އެކަން އޭނާ ނުދެނެހުރި ކަމަށެވެ. ނަމަވެސް ޕަންޖާބަށް ނިސްބަތްވާ ކުޅަދާނަ ލަވަކިޔުންތެރިޔާ ފިލްމު "ނޯ އެންޓްރީ 2" އިން ވަކިވިކަން އެ ފިލްމުގެ ޑައިރެކްޓަރު އަނީޒް ބަޒްމީ ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ބޮނީ ކަޕޫރު ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ދިލްޖީތު "ނޯ އެންޓްރީ 2"އިން ވަކިވީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ތާރީޚުތަކުގައި ދިލްޖީތަށް އެ ފިލްމަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ. އިތުރު އެއްވެސް މައްސަލައެއް ޕްރޮޑަކްޝަން ޓީމާއި ދިލްޖީތާ ދެމެދު ނުޖެހޭ ކަމަށް ބޮނީ ވަނީ ބުނެފައެވެ.

"ނޯ އެންޓްރީ 2"ގެ ލީޑް ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ވަރުން ދަވަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ނިއުސް18އަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފައި ވަނީ ދިލްޖީތަށް ފިލްމަށް ވަގުތު ދެވެން ނެތްކަން ތެދުވެރިކަމާ އެކު ބުނުމުން އެކަމަށް އިހުތިރާމުކުރާ ކަމަށެވެ. ދިލްޖީތު ފިލްމުން ވަކިވި ނަމަވެސް "ނޯ އެންޓްރީ 2"ގެ މަސައްކަތް ފަށަން އޮތް ތާރީޚުގައި ފިލްމު ފެށޭނެ ކަމުގެ ޔަގީންކަން އޮތުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އަނީސް ވަނީ ބުނެފައެވެ.
މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެ ފިލްމުގެ މަސައްކަތް ފެށުމަށްވުރެ ބޮޑު އުފަލެއް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މިވަގުތު ނެތްކަމަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ދިލްޖީތު މި ފިލްމުން ވަކިވި ނަމަވެސް ފިލްމުގެ ލީޑް ރޯލްއިން އެކްޓަރު އަރުޖުން ކަޕޫރު އަދި ވަރުން ދަވަން ފެންނާނެއެވެ. ފިލްމު "ނޯ އެންޓްރީ 2" އަކީ 2005 ވަނަ އަހަރު ޑައިރެކްޓަރު އަނީސް ބަޒްމީ ގެނެސްދިން ހެއްވާ މަޖާ ފިލްމު "ނޯ އެންޓްރީ"ގެ ސީކުއަލްއެކެވެ.