އިންޑިއާގެ ޕަންޖާބު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޝޭރްދިލް" މި މަހުގެ 20ވަނަ ދުވަހު ޒީ5ގައި ޕްރީމިއާކުރާގޮތަށް ހަމަޖައްސައިފިއެވެ.
މި ފިލްމަކީ މައުރުޔާ އެންޓަޓެއިންމަންޓް ޕްރޮޑަކްޝަންއިން އާޒް ފިލްމްސް އަދި އޮފްސައިޑް އެންޓަޓެއިންމަންޓްއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ރަވީ ޗަބްރިޔާ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ "ޝޭރްދިލް"ގައި ދިލްޖީތު ފެންނާނީ ޑިޓެކްޓިވްއެއްގެ ރޯލްއިންނެވެ. ފިލްމުގައި ދިލްޖީތު ފެންނާނީ ވަރަށް އާދަޔާ ޚިލާފު މައްސަލައެއްގެ ތަހުގީގު ހިންގުމުގައި އަވަދިނެތި އުޅޭ އޮފިސަރެއްގެ ރޯލުންނެވެ. މި ފިލްމަކީ ރަވީ ޗަބްރިޔާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފިލްމު ވެސް މެއެވެ.

ދިލްޖީތު ލީޑްރޯލް ކުޅޭ ފިލްމު "ޝޭރުދިލް"ގެ ކާސްޓުން--ފޮޓޯ/ޕިންކްވިލާ
ރަވީ މީގެކުރިން މަސައްކަތްކޮށްފައި ވަނީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ސުލްތާން"، "ބާރަތު" އަދި "ޓައިގާ ޒިންދާހޭ"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއާ އެކު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.
ފިލްމު "ޝޭރްދިލް"އަކީ އަލީ އައްބާސް ޒަފަރުގެ ސްކްރިޕަޓަކަށް ތައްޔާރުކުރާ ފިލްމެކެވެ. އަލީ އައްބާސް ވަނީ މީގެކުރިން ވެސް ދިލްޖީތުއާ އެކު "ޖޯގީ" ނަމަކަށް ކިޔާ ޕަންޖާބު ފިލްމެއްގައި މަސައްކަތްކޮށްފައެވެ.
ދިލްޖީތުގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ، ޑަޔާނާ ޕެންޓީ، ބޮމަން އިރާނީ، ޗަންކީ ޕާންޑޭ،ރަތުނާ ޕާތަކް ޝާހް، ބަނީތާ ސަންދޫ އަދި ސުމީތު ވިޔާސް ހިމެނެއެވެ.
ދާދިފަހުން މެޓް ގާލާގައި ވިދާލި އެކްޓަރުގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "އަމަރު ސިންގް ޗަމްކީލާ"، "ކްރޫ" އަދި "ގުޑް ނިއުސް" ހިމެނެއެވެ.
ދިލްޖީތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު ރޮނީ ސްކްރޫވާލާ އުފައްދާ ޕަންޖާބު ފިލްމު "ޕަންޖާބު 95" އަދި އެކްޓަރު ސަނީ ޑިއޯލް ލީޑްރޯލް ކުޅޭ ފިލްމު "ބޯޑާ 2" ހިމެނެއެވެ.