ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން, ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ ހޯމައިގައެވެ. އެ ދުވަހު އެ މައްސަލަ ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެއް ބޭފުޅަކު މީގެ ކުރިން ހައި ކޯޓުގައި މަސައްކަތް ކުރައްވާފައިވާއިރު އަނެއް ފަނޑިޔާރު މިހާރު ވެސް ހައިކޯޓުގައި މަސައްކަތް ކުރައްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ ތެރެއިން ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބައެއް މީހުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމްގެ ޝަރުތު ހަމަވާކަމާ މެދު ސުވާލު އުފައްދާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވުމުންނެވެ.
ސަލީމް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތީ މީގެ ތިން އަހަރު ކުރިން، އޮގަސްޓު 9، 2022ގައި ކަމަށްވާއިރު އޭގެ ކުރިން 12 އަހަރު ވަންދެން އޭނާ ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ. އެހެންވެ، ވަކީލުކަން ކުރުމުގެ ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކަމަށް ބެލެވޭނެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.
"އޭގައި އެ ބުނަނީ އެންމެ އަސާސީ ޝަރުތު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު އެއަށްވުރެ މަތީ މަސައްކަތްތައް އެބަހުރި، މިސާލަކަށް ގާނޫނީ މަސައްކަތް ކުރައްވާނެ ގާނޫނީ ވަކީލުން ވެސް އަދި ފަނޑިޔާރުން ވެސް ކުރައްވަނީ އެ މަސައްކަތް، އެހެންކަމަށްވާނަމަ އެއީ ޝަރުތު ހަމަނުވާ ސަބަބެއް ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަބްދުއްސައްތާރު ވިދާޅުވިއެވެ.
"އޭގެ ދެލިގަނޑުގެ މާނައެއް ނޫން ހަމައެކަނި ބަލަން ޖެހޭނީ އޭގެ މަގުސަދަށް ވެސް ވިސްނަން ޖެހޭނެ."

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު: އެ ދެ ބޭފުޅުންގެ ބަދަލުގައި ހަމީދާއި ސަލީމް އައްޔަންކުރަން ކޮމިޓީން ވަނީ ރުހުން ދީފައި --- ފޮޓޯ: ސުޕްރީމް ކޯޓް
އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމްގެ ޝަރުތު ހަމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ފޮނުއްވި ގޮތަށް، ހަމީދާއި ސަލީމަށް ރުހުން ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއިދުކުރެއްވިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އިތުރު މެންބަރަކު ވާހަކަނުދައްކަވާތީ ވޯޓަށް އެހުމުން، ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ހަމީދާއި ސަލީމަށް ވަނީ ރުހުން ދީފައެވެ.
އެ ކޮމިޓީގައި ޕީއެންސީގެ މެންބަރުންގެ އިތުރަށް އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއިި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ތިއްބެވިއެވެ.
ސުޕްރީމް ކޯޓުން ދެ ގޮނޑި ހުސްވީ، ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.
މަޖިލީހުން އެ ދެ ބޭފުޅުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ. އެގޮތުން މިދިޔަ ފެބްރުވަރީ މަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށްފަހު ސުއޫދު މަގާމުން އިސްތިއުފާ ދެއްވީއެވެ.
ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުން ވަކިކުރީ މިދިޔަ މަހުގެ 14ގައެވެ.