އަޟްހާ ޢީދު ދުވަހުގެ ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ

ޖުލައި 20، 2021: އަޟްހާ އީދުގައި މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ރޭގަނޑު 8 އަކަށް ފައިމަގުގައި އުޅުން: މިފަހަރު ވެސް އަޟްހާ ޢީދު ދުވަހު ހަވީރު މާލެއާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހުކުރު ދުވަހު ފާހަގަކުރާ މި އަހަރުގެ އަޟްޙާ ޢީދު ދުވަހާ ގުޅިގެން ގްރޭޓާ މާލެ އޭރިއާގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓާ މާލޭގެ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ނިންމައިފައިވާ ކަމަށެވެ.

އެ ވަގުތުތަކުގައި އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކާ އެ ކައުންސިލްގެ އާންމު ޚިދުމަތާ ބެހޭ ބައި (ތައިސޭކޮށި، މާލެ)ގައި އަންނަ ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެހެންކަމުން މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ، މާލޭ ސިޓީ ކައުންސިލް

ޖުލައި 20، 2021: އަޟްހާ އީދުގައި މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ރޭގަނޑު 8 އަކަށް ފައިމަގުގައި އުޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޓީ ކައުންސިލުން ބުނީ އެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޙައްޖު ދުވަހަކީ މާދަމާ ކަމަށްވާއިރު، އީދު ދުވަސްތައް ފެށެނީ ހުކުރު ދުވަހެވެ.

މި އަހަރުގެ އަޟްހާ ޢީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި މި އަހަރުގެ ފިތުރު އީދުގައި ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވެއެވެ.

އީދު ފަދަ، ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ފާހަގަކުރި އީދުތަކުގައި ސަރުކާރުން ބައިވެރިވެގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވައިފައިވެއެވެ.

comment ކޮމެންޓް