ގޫގުލްއިން އެ ކުންފުނީގެ ޖެމިނައި 2.5 މޮޑެލްތަކުގެ އޯޑިއޯ އުފެއްދުމުގެ މުޅިން އައު ފީޗާތަކެއް، ޚާއްސަކޮށް ޖެމިނައި 2.5 ފްލޭޝް ޕްރިވިއުއާއެކު، ޑިވެލޮޕަރުންނާއި އާންމުންނަށް ޓެސްޓް ކުރުމަށް ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ގޫގުލް އައިއޯ 2025ގައެވެ. މި އައު ދެ ފީޗާއަކީ "ނޭޓިވް އޯޑިއޯ ޑައިލޮގް" އާއި، ކޮންޓްރޯލް ކުރެވޭ "ޓެކްސްޓްޓުސްޕީޗް" (ޓީޓީއެސް)އެވެ.
ގޫގުލްއިން ބުނި ގޮތުގައި، "ނޭޓިވް އޯޑިއޯ ޑައިލޮގް" އަކީ ޔޫޒަރުން ދައްކާ ވާހަކަތަކަށް، އިންސާނުން ވާހަކަ ދައްކާ ފަދަ ގޮތަކަށް، އޯޑިއޯއިން ޖަވާބު ދިނުމުގެ ގާބިލްކަން ލިބިފައިވާ ފީޗާއެކެވެ.
"ކޮންޓްރޯލް ކުރެވޭ ޓީޓީއެސް"އިން ލިޔެފައިވާ ކޮންމެ ސްކްރިޕްޓެއް ވެސް، މީހުން އާންމުކޮށް ވާހަކަ ދައްކާ ގޮތަށް ބަދަލުކޮށްލައެވެ. މި ފީޗާތައް މިވަގުތު އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) މެދުވެރިކޮށް ލިބޭކަށް ނެތެވެ. ނަމަވެސް "ނޭޓިވް އޯޑިއޯ ޑައިލޮގް" ގޫގުލް އޭއައި ސްޓޫޑިއޯގެ 'ސްޓްރީމް' ޓެބުން ޑިވެލޮޕަރުންނަށް ޓެސްޓް ކުރެވޭނެއެވެ. "ޓީޓީއެސް" ފީޗާ ޓެސްޓް ކުރެވޭނީ އޭއައި ސްޓޫޑިއޯގެ 'ޖެނެރޭޓް މީޑިއާ' ޓެބުންނެވެ.
"ނޭޓިވް އޯޑިއޯ ޑައިލޮގް" އަކީ އިންސާނަކާއި އޭއައި އާ ދެމެދު ރިއަލް-ޓައިމްގައި ދެކެވޭ ވާހަކަތަކަށް އަމާޒުކޮށްފައިވާ ފީޗާއެކެވެ. ޔޫޒަރަށް ޕްރޮމްޕްޓް ޓައިޕް ކުރުމުގެ އިތުރުން އަނގަބަހުން ވެސް ވާހަކަ ދެއްކިދާނެއެވެ. އޭއައިއިން އަނބުރާ ޖަވާބުދޭނީ ސީދާ އަޑުންނެވެ.
މިއީ ޓެކްސްޓް އުފައްދައި، އެއަށްފަހު އަޑަށް ބަދަލުކުރުމުގެ ބަދަލުގައި، ސީދާ އަޑު އުފައްދާ ނިޒާމެކެވެ. މި ފީޗާގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ "އިފެކްޓިވް ޑައިލޮގް"އަށް ސަޕޯޓްކުރުމެވެ. މާނައަކީ ޔޫޒަރުގެ އަޑުގެ ރާގަށް ބަލައި، ވާހަކައިގެ ފަހަތުގައިވާ އިހުސާސް (މިސާލަކަށް ބިރުގަތުން، ރުޅިއައުން، ނުވަތަ ހައިރާންވުން) ދެނެގަނެ، އެއާ އެއްގޮތަށް ޖަވާބު ދިނުމުގެ ގާބިލްކަމެވެ.
މީގެ އިތުރުން، އޭއައިއިން ވާހަކަ ދައްކާއިރު އިހުސާސްތައް ފާޅުކުރުމާއި، ތަފާތު އެކްސެންޓްތަކާއި ބަހުރުވައިގެ ހުނަރުތައް ބޭނުންކުރުމާއި، ގޫގުލް ސާޗް ފަދަ ވަސީލަތްތަކަށް އެކްސެސްވުމުގެ އިތުރުން، 24 އަށްވުރެ ގިނަ ބަހަށް ސަޕޯޓްކުރެއެވެ.
ކޮންޓްރޯލް ކުރެވޭ "ޓީޓީއެސް" ފީޗާއިން އެކި މީހުން ވާހަކަ ދައްކާ ގޮތަށް ޑައިލޮގް އުފެއްދުމާއި، ސްކްރިޕްޓް ކިޔާއިރު އިހުސާސްތަކާއި އެކްސެންޓްތައް ގެނައުމާއި، ވާހަކަ ދެއްކުމުގެ ސްޕީޑް ކޮންޓްރޯލްކުރުމާއި، އަދި ބައެއް ލަފްޒުތަކަށް އަޑު ބާރުކޮށްލުމުގެ ގާބިލްކަން ލިބިފައިވެއެވެ. މި ފީޗާ ވެސް 24 ބަހަށާއި، ބަސްތައް އެކުލެވޭ ގޮތަށް (ލޭންގުއޭޖް މިކްސިން) ސަޕޯޓްކުރެއެވެ.
ގޫގުލްއިން ބުނީ މި ފީޗާތައް ތަރައްގީކުރުމުގެ މަރުހަލާގައި، އެކަމާ ގުޅޭގޮތުން ކުރިމަތިވެދާނެ ނުރައްކާތައް ވަޒަންކޮށްފައިވާ ކަމަށެވެ. އެގޮތުން، ކުންފުނީގެ އެތެރޭގެ އުސޫލުތަކާއި "ރެޑް ޓީމިން" ބޭނުންކޮށްގެން، ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، ހައްލުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މި މޮޑެލްތަކުން އުފައްދާ ހުރިހާ އޯޑިއޯއެއްގައި، ގޫގުލްގެ ވޯޓާމާކިން ޓެކްނޮލޮޖީ ކަމަށްވާ "ސިންތްއައިޑީ" ހިމަނާފައިވާނެ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
ގޫގުލްގެ ޖެމިނައި މޮޑެލްތަކަކީ މަލްޓިމޯޑަލް ގާބިލިއްޔަތުތައް (ޓެކްސްޓް، އިމޭޖް، އޯޑިއޯ، އަދި ވީޑިއޯ) އުފެއްދުމުގައި ފާހަގަކޮށްލެވޭ މޮޑެލްތަކެކެވެ. ކުރިންވެސް އޭއައި މެދުވެރިކޮށް ޓެކްސްޓް އިން އަޑު އުފެއްދުމުގެ ޓެކްނޮލޮޖީ (ޓީޓީއެސް) ހުރި ނަމަވެސް، "ނޭޓިވް އޯޑިއޯ ޖެނެރޭޝަން" އަކީ އިހުސާސްތަކާއި، އަޑުގެ ބާރުމިނާއި، ވާހަކަ ދެއްކުމުގެ ރާގު އިތުރަށް ގުދުރަތީ ގޮތަކަށް އުފެއްދުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
މިއީ އިންސާނުންނާ އެއްފަދަ ގޮތަކަށް އޭއައިއާ މުއާމަލާތްކުރުމުގެ ތަޖުރިބާ ފަހިކޮށްދިނުމަށް ޓެކްނޮލޮޖީ ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.