ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮޑަކްޓްތަކަށް އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ގޫގުލްގެ މައި ކުންފުނި އެލްފަބެޓްގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ބަޔާނާ ގުޅޭގޮތުން އިންވެސްޓަރުންނަށް ބޭއްވި ބައްދަލުވުމުގައި ސީއީއޯ، ސުންދަރު ޕިޗާއި، ވަނީ ގޫގުލް ސާޗްގެ "އޭއައި އޯވަވިއުސް" އާއި "ޖެމިނައި" އެޕް ފަދަ ޚިދުމަތްތަކުގެ ބޭނުންކުރާ މީހުންގެ އަދަދުތައް ހާމަކުރައްވާފައެވެ.
ޕިޗާއި ވިދާޅުވި ގޮތުގައި، ގޫގުލް ސާޗްގެ ނަތީޖާތަކުގެ އޭއައި ޚުލާސާއެއް ދައްކުވައިދޭ "އޭއައި އޯވަވިއުސް" ފީޗާއިން ދައްކާގޮތުގައި މިހާރު މަހެއްގެ މައްޗަށް ދެ ބިލިއަން މީހުން ބޭނުންކުރެއެވެ. މިއީ 2025 ވަނަ އަހަރުގެ މެއި މަހު ހުރި 1.5 ބިލިއަން ޔޫޒަރުންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މި ޚިދުމަތް މިހާރު ދުނިޔޭގެ 200 ގައުމާއި އެކި ސަރަޙައްދުގައި ލިބެން އެބަހުއްޓެވެ.
މީގެ އިތުރުން، ގޫގުލްގެ އޭއައި ޗެޓްބޮޓް "ޖެމިނައި" އެޕް ބޭނުންކުރާ މީހުންގެ އަދަދު މަހެއްގެ މައްޗަށް 450 މިލިއަނަށް އަރާފައިވާ ކަމަށް ވެސް ޕިޗާއި ހާމަކުރެއްވިއެވެ.
"ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދުވާލެއްގެ މައްޗަށް އެޕް ބޭނުންކުރާ މިންވަރު 50 އިންސައްތައަށް ވުރެ އިތުރުވެފައިވާކަން ފާހަގަކުރެވޭ،" ޕިޗާއި ވިދާޅުވިއެވެ.
ގޫގުލް ސާޗްގައި ޗެޓް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ޚާއްސަކޮށްފައިވާ "އޭއައި މޯޑް" ވެސް މަހަކު 100 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އަދި އިންޑިއާގައި މިހާރު ލިބެން ހުރި މި ޚިދުމަތް، އިތުރު ގައުމުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި "ޑީޕް ސާޗް" ފަދަ އާ ފީޗާތަކާއެކު މި ޚިދުމަތް އިތުރަށް ތަރައްގީކުރާނެ ކަމަށްވެސް ޕިޗާއި ވިދާޅުވިއެވެ.
ގޫގުލްގެ އޭއައި ޓެކްނޮލޮޖީއަށް ޑިވެލޮޕަރުންގެ މެދުގައި ވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެގޮތުން ނުވަ މިލިއަނަށް ވުރެ ގިނަ ޑިވެލޮޕަރުން ވަނީ ޖެމިނައި ބޭނުންކޮށްގެން އެކި އެޕްލިކޭޝަންތައް ތައްޔާރުކޮށްފައެވެ. ގޫގުލްގެ ވީޑިއޯ އުފައްދާ އޭއައި މޮޑެލް "ވީއޯ 3" ބޭނުންކޮށްގެން މެއި މަހުން ފެށިގެން 70 މިލިއަނަށް ވުރެ ގިނަ ވީޑިއޯ އުފައްދާފައިވެއެވެ.
ގޫގުލް ވޯކްސްޕޭސްގައި ލިޔުމުން ވީޑިއޯ އުފައްދައިދޭ "ގޫގުލް ވިޑްސް" ގެ ޚިދުމަތް ވެސް މަހަކު ގާތްގަނޑަކަށް އެއް މިލިއަން މީހުން ބޭނުންކުރެއެވެ. އަދި ހަމައެހެންމެ ގޫގުލް މީޓްގައި އޭއައިގެ އެހީގައި ބައްދަލުވުމުގެ ނޯޓް ތައްޔާރުކޮށްދޭ ފީޗާ 50 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކޮށްފައިވެއެވެ.
ގޫގުލްއިން ބުނާ ގޮތުގައި، އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަނީ އޭއައިގެ ފީޗާތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމެވެ. މިސާލަކަށް، "އޭއައި އޯވަވިއުސް" ފެންނަ ސާޗްތަކުގައި، ގޫގުލް ބޭނުންކުރާ މީހުންގެ މިންވަރު 10 އިންސައްތަ އިތުރުވެފައިވެއެވެ.
ނަމަވެސް، ގޫގުލް ސާޗްގައި މި ފީޗާތައް މަޖުބޫރީ ގޮތެއްގައި ހިމަނާފައިވާތީ، އޭގެ ބޭނުންކުރަނީ އަމިއްލަ އިޚްތިޔާރުގައި ކިތައް މީހުންތޯ ކަނޑައެޅުމަކީ ދަތިކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން، މި ފީޗާތަކަށް ހަގީގަތުގައި އޮތް ޑިމާންޑް ދެނެގަތުމާމެދު ސުވާލު އުފެދެއެވެ.
ގޫގުލްގެ ޕްލެޓްފޯމްތަކުގައި އޭއައި ބޭނުންކުރާ މިންވަރު ދައްކުވައިދިނުމަށް، ޕްރޮސެސްކުރާ "ޓޯކަން" ގެ އަދަދު ވެސް ކުންފުނިން ހާމަކުރިއެވެ. މެއި މަހު, މަހެއްގެ މައްޗަށް 480 ޓްރިލިއަން ޓޯކަން ޕްރޮސެސްކުރި ނަމަވެސް، އެ އަދަދު މިހާރު ވަނީ ދެގުނަވެ، 980 ޓްރިލިއަނަށް އަރާފައެވެ.
މި ކުރިއެރުންތަކާއެކު ވެސް، އިންވެސްޓަރުން ވަނީ ގޫގުލްގެ ހިއްސާއާ މެދު ނޭދެވޭ ގޮތެއްގައި ވާހަކަ ދައްކާފައެވެ. ސަބަބަކީ، އޭއައިގެ ވާދަވެރިކަމުގައި ކުރި ހޯދުމަށް ކުރާ ހޭދަ (ކެޕިޓަލް އެކްސްޕެންޑިޗާ) އިތުރުކުރަން ގޫގުލްއިން ނިންމުމުންނެވެ.
މި އާ ނިންމުމާއެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ ކުޑަތަންކޮޅެއް ދަށަށް ދާން ފަށައިފައެވެ.