ވެލިދޫ ކަމަނާޒް: އަލަތު ޝޯއާއެކު އެންމެ އުހަށްދާން ތައްޔާރު

ކަމަނާސްގެ ޓީމު: އެ ޓީމުން ބުނީ، ބެލުންތެރިންނަށް ކަމުދާ ހުށަހެޅުންތަކެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ----

މަލީކާ އާދަމް އެންމެ ފުރަތަމަ ނަށަން ނިކުތީ އުފަން ރަށް ނ. ވެލިދޫގައި އޮންނަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެ ހަރަކާތްތަކުގައި ފެނުނު މަލީކާގެ ހުނަރަށް އެތައް ބަޔަކު ތައުރީފު އޮއްސިއެވެ. އެއާއެކު ނެށުމަށް އޭނާގެ ހިތުގައި އޮތް ލޯބިން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު 'ކަމަނާޒް'ގެ ނަމުގައި ނަށާ ގުރޫޕެއް އުފަންކުރުވިއެވެ.

މި ގްރޫޕުގައި ހިންގުމުގައި މިވަގުތު އިސްކޮށް ހަރަކާތްތެރި ވަނީ، އާދަމް އަބްދުއްރަހްމާނާއި މަލީކާގެ އިތުރުން ނިސްރީން (ނިންނި)އެވެ.

އެ ގުރޫޕު އުފަންވުމާއެކު ކަށިން ހިތްވަރު ނެރެ ދެމީހުން ފެށީ ކަމަނާޒްގެ ޝޯތަކަށް ތައްޔާރުވުމުގެ މަސައްކަތެވެ. އެގޮތުން، އައު ލަވަތައް ހަދައި، ނެށުންތައް ފަރިތަކުރަން ފެށިއެވެ. ނެށުމުގައި ޒަމާންވީ ތަޖުރިބާތައް ބޭނުންކޮށް، މިއަހަރުގެ ބޮޑު އީދަށް ތައްޔާރުވީ ޖޯޝާ ފޯރީގައެވެ.

ކަމަނާޒްގެ ނެށުންތެރިއެއް ނަށަނީ ----

'އަލަކަސް ބެލުންތެރިންގެ ހިތްރުއްސާނަން'

ކަމަނާޒްގެ ޓީމުން ކަމަނާޒްގެ އުފަން ރަށުގައި އީދު ޝޯދޭން ފަށަނީ ތަފާތު އަޒުމެއްގައެވެ. އެއީ ދާއިރާއަށް އައު ނަމަވެސް ބެލުންތެރިންގެ ހިތް ރުއްސުމުގެ އަޒުމުގައެވެ. ވެލިދޫގައި ޝޯ ދިނުމަށްފަހު، ރ. ރަސްމާދޫއާއި ޅ. ހިންނަވަރުގައި ކަމަނާޒްގެ ހުނަރު މި އީދުގައި ފެންނާނެއެވެ.

މި ގްރޫޕުގެ އުންމީދަކީ ރާއްޖޭގެ އެކި ރަށްތަކުގައި ކަމަނާޒްގެ ހުނަރު ދައްލާކައި، އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމެވެ. ކަމަނާޒްއިން ގެނެސްދެނީ ހަމައެކަނި ދިވެހި ސަގާފީ ހުށަހެޅުންތަކެއް ނޫނެވެ. މި ހުށަހެޅުންތަކަކީ ޒަމާނީ ހުށަހެޅުންތަކާއި ތަފާތު ނެށުންތައް ވެސް ހިމަނައި، ޖަރީކޮށްގެން ގެނެސްދޭ ހުށަހެޅުންތަކެކެވެ.

ކަމަނާޒްގެ ނެށުންތެރިން ----

ވެލިދޫގައި ހުށަހަޅަނީ ކަމަނާޒްގެ އަލަތު ޝޯކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެލުންތެރިން ބޭނުންވާ ކަހަލަ ހުށަހެޅުންތައް ދައްކައިގެން ބެލުންތެރިން އާޝޯޚު ކޮށްލުމަކީ ކަމަނާޒްގެ ހުވަފެނެކެވެ.

"ކުރިއަށް އޮތް ތަނުގައި ވަރަށް ރީތި ނެށުންތަކެއް ކަމަނާޒްގެ ފަރާތުން ފެންނާނެ ކަމުގެ ވަރަށް ފޮނި އުންމީދު އެބަ އޮތް" މަލީކާ ބުންޏެވެ.

ކަމަނާޒްގެ ހުނަރު މި އީދުގައި ދެ ރަށަކުން ފެނުނަސް ހަރަކާތްތަކަށް ކަމަނާޒް ގެންދިޔުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. އެކަމަށް ބޭނުންވާ ފަރާތްތަކުން 7801689 ނުވަތަ 9740863އަށް ގުޅައިގެން ކަމަނާޒްގެ ފޯރިގަދަ ޝޯތައް ތަޖުރިބާކޮށްލެވޭނެއެވެ.

މި ގުރޫޕުގައި މިހާރު 11 ކުދިން ހަރަކާތްތެރިވެއެވެ. މަލީކާގެ އެދުމަކީ ނެށުމަށް ޝައުގުވެރިކަން ހުރި އިތުރު ކުދިން މި ގްރޫޕާ ގުޅުމެވެ. އެކުދިންނަށް އާމްދަނީ ވެސް ލިބޭނެކަން އޭނާ ފާހަގަކުރިއެވެ.

މިފަދަ ގުރޫޕެއް ވުޖޫދުވުމުގެ ފަހަތުގައި ވެސް އެތައް ބަޔެއްގެ މަސައްކަތް އޮންނާނެކަން ޔަގީނެވެ. އެގޮތުން، ކަމަނާޒް އުފެދުމުގެ ފަހަތުގައި އެހީތެރިވާން ހުރި އިސް ތަނބަކީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސެވެ.

"އޭބޭފުޅާ އަޅުގަނޑުމެންގެ ފަހަތުގައި ހުރީމައި އަޅުގަނޑުމެންނަށް ކުރިއަށް މި ދެވެނީ. އެބޭފުޅާގެ ފުލް ސަޕޯޓު އަޅުގަނޑުމެނަށް ލިބޭ. އަދި، އަޅުގަނޑުމެން ކުރިއަށް ގެންދިޔުމުގައި އެބޭފުޅާ ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ" އައްބާސް ކޮށްދެއްވާ މަސައްކަތަށް މަލީކާ ތައުރީފުކުރިއެވެ.

"އެންމެ ބޮޑު ޝުކުރެއް ހައްގުވާނީ ގްރޫޕުގެ ކުދިންނަށް. އެ ކުދިންގެ ސަބަބުން މިހިސާބަށް މި އާދެވުނީ،" އާދަމް އަބްދުއްރަހްމާން ބުންޏެވެ.

ކަމަނާޒް އިން ވަނީ، ވެލިދޫގެ ފޯރިގަދަ އީދުގެ ފޯރި އިތުރަށް ގަދަކުރުމަށް ކަމަނާޒްއަށް ފުރުސަތު ދިނުމުން އެރަށުގެ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ކަމަނާޒްއިން މި ނުކުންނަނީ އަލަތު ޝޯއާއެކު މި ދާއިރާގެ އެންމެ އުހަށް އެރުމުގެ ގަދަ އަޒުމުގައެވެ.

comment ކޮމެންޓް