ޕްރިންސް ވިލިއަމްގެ 'އާތުޝޮޓް ޕްރައިޒް' ހޯސްޓުކުރާ ފުރަތަމަ އިންޑިއާ މީހަކަށް ކަރަން ޖޯހަރް

ކަރަން ޖޯހަރު ޕްރިންސް ވިލިއަމް އަރިހުގައި--ފޮޓޯ/ޕީޕްލް

ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ހުނަރުވެރި ޓީވީ ހޯސްޓު ކަރަން ޖޯހަރަކީ، ތަފާތު ބޮޑެތި ޝޯތަކާއި ހަފުލާތައް ހުށަހަޅައިދިނުމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ފުންނާބު އުސް ޝަހުސިއްޔަތެކެވެ. ނަމަވެސް، މި ފަހަރު އޭނާ ތައްޔާރުވަމުން މިދަނީ ތިމާވެށީގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ހަފުލާ ހުށަހަޅައިދިނުމަށެވެ.

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް ތައާރަފުކުރެއްވި "ދަ އާތުޝޮޓް ޕްރައިޒް" އެވޯޑް ހަފުލާ ހޯސްޓުކުރާ ފުރަތަމަ އިންޑިއާ މީހާގެ ޝަރަފާއެކު، ކަރަން ޖޯހަރް މިވަނީ ތާރީޚުގެ ތެރެއިން ޚާއްސަ ޖާގައެއް ކަށަވަރުކޮށްފައެވެ.

މި އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފުލާއާ ގުޅޭގޮތުން ވާހަކަދައްކަމުން ކަރަން ބުނީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިފަދަ ބޮޑު ޙަރަކާތެއް އޭނާގެ އަމިއްލަ ވަޒަން ކަމަށްވާ މުމްބާއީގައި ބޭއްވުމަކީ، މިކަމުގެ މުހިންމުކަމާއި އުފާވެރިކަން ދެ ގުނައަށް އިތުރުކޮށްދޭ ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ސިނަމާގެ ދުނިޔޭގައި އަޅުގަނޑުމެން އަބަދުވެސް ތަސައްވުރު ކުރަނީ އާ ޚިޔާލުތަކާއި އާ ދުނިޔެތަކެއް. ނަމަވެސް، 'އާތުޝޮޓް'އިން ފާހަގަކުރާ އީޖާދީ ފަރާތްތަކުން ޢަމަލީގޮތުން އެ ދައްކައިދެނީ މިއަށްވުރެ ފެހި، ރަނގަޅު ދުނިޔެއެއް ބިނާކުރާނެ ގޮތް،" ކަރަން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ރިއޯ ޑި ޖެނީރޯގައި ބޭއްވުނު އާތްޝޮޓް ޕްރައިޒް އެވޯޑް ހަފުލާގެ ތެރެއިން ކައިލީ މިނޯގް، ޕްރިންސް ވިލިއަމް އަދި ޝޯން މެންޑެސް--ފޮޓޯ/ގެޓީ އިމޭޖަސް

ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް ބޭނުންވާ އުފެއްދުންތެރި ޚިޔާލުތަކާއި އުންމީދީ ރޫޙު އިންޑިއާގައި އެބައޮތްކަން ފާހަގަކުރަމުން ކަރަން ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މުމްބާއީއަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ކިޔުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ފިލްމު އުފެއްދުމުގެ އިތުރުން، ކަރަން އަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން" އަދި ރިއަލިޓީ ޝޯ "ދަ ޓްރެއިޓާސް" ހޯސްޓުކުރުމުގައި ގެންގުޅޭ ހިތްހެޔޮ އަދި ސަކަ މިޒާޖުގެ ސަބަބުން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ހުނަރުވެރި ހޯސްޓެއްވެސްމެއެވެ.

"އާތުޝޮޓް ޕްރައިޒް" އަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކޮށް، އިއާދަކުރުމަށްޓަކައި އީޖާދީ ޙައްލުތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޕްރިންސް ވިލިއަމް އިސްނަންގަވައިގެން ތަޢާރަފުކުރެއްވި އިނާމެކެވެ. މީގެކުރިން ވެސް އިންޑިއާގެ ބައެއް އީޖާދުތަކަށް މި އެވޯޑުގެ ފައިނަލިސްޓުންގެ ގޮތުގަ އާއި ކާމިޔާބުކުރި ފަރާތްތަކުގެ ގޮތުގައި ފުރުސަތު ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މި އެވޯޑާ ގުޅޭގޮތުން ޕްރިންސް ވިލިއަމް ވިދާޅުވީ، ކޮންމެ އަހަރެއްގެ ފައިނަލިސްޓުންގެ ފަރާތުން ވެސް މުސްތަޤުބަލާމެދު އާ އުންމީދުތަކެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ޢަމަލުން ސާބިތުކޮށްދޭ އީޖާދީ މަސައްކަތްތަކަށް ޕްރިންސް ވިލިއަމް ވަނީ ތަޢުރީފުކުރައްވާފައެވެ.

އެވޯޑް ހަފުލާގެ އިތުރުން، "ދަ އާތުޝޮޓް ޕްރައިޒް ސަމިޓް" ވެސް މުމްބާއީގައި ކުރިއަށްދާނެއެވެ. މި ސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި، ތިމާވެށީގެ މާހިރުންނާއި، ވިޔަފާރިވެރިންގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވާނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމެވެ. މި ހުރިހާ ހަރަކާތްތަކެއް ނިމޭނީ ނޮވެމްބަރު މަހުގެ 17ގައި ބާއްވާ ހަވަނަ "އާތުޝޮޓް ޕްރައިޒް" އެވޯޑް ހަފުލާއިންނެވެ.

comment ކޮމެންޓް