މިއަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސާ މޫސާ ނިމާލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޕާޓްނަރަކަށް ވެވުމަކީ ލިބޭ ފަޚުރެއްކަމަށެވެ.
"މި ދާއިރާއަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، މި ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްވެސްމެ. މި ދާއިރާގެ މަސައްކަތްތެރީންގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ނިމާލް ވިދާޅުވިއެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މިއަހަރުގެ މި އެވޯޑަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވެއެވެ.
މިކަމުގެ ސަބަބުން މި އެވޯޑަށް އޮންނަ ތަރުހީބު ހާމަވާކަމަށް މި އެވޯޑު އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.