ކުޅުދުއްފުށްޓަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން، އެ ސިޓީއަށް ކަރަންޓުދިނުމުގައި ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދަން ދެކޮޅު ހަދާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްށްދޭންވާނެ ކަމަށް އޮންނަނީ ބަޔާންކޮށްފައެވެ.
އަދި އެ ސިޓީއެއްގައި އެ ޚިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ނަމަ، އެ ފަރާތާއި ކައުންސިލާ ދެމެދު އެ ޚިދުމަތް ފޯރުކޮށްދިނުމާގުޅޭ ގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ވެސް އެ ގާނޫނުން ބުނެއެވެ.
މި ގާނޫނުގެ ދަށުން ތިންވަނަ ފަރާތަކުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނަމަ، ކައުންސިލާ ދެމެދު ވެވޭ ހަދައި، އެ ކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަން 2021ވަނަ އަހަރުގެ ޖުލައި 13ގައި އެލްޖީއޭއިން ކައުންސިލްތަކަށް އެންގިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، ފެނަކައާއެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން ދެންނެވުމުން ވެސް ފެނަކައިން އެ ކަމަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރު ވެސް ކުރާ ކަމަށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، ގާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވައިލުމަށް ޓަކައި، މިދިޔަ އަހަރުގެ ޖޫންމަހުގެ ތިންވަނަ ދުވަހު ފެނަކައަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
އެ މަހުގެ 27ވަނަ ދުވަހު ފެނަކައިން އެ ކައުންސިލަށް ދިން ޖަވާބުގައި ބުނެފައި އޮތީ، އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި، އެހެންވެ އެ ކުންފުންޏަކީ ތިންވަނަ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
އެހެން ކައުންސިލްތަކާއެކު ފެނަކައިން އެއްބަސްވުން ހަދާފައިނުވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު އެއްބަސްވުން ނުހެދެންވީ ސަބަބެއް ނޫން ކަމަށް ބުނެ، އެ އަހަރުގެ ޖުލައި ނުވައެއްގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އަނެއްކާ ވެސް ފެނަކައަށް ސިޓީ ފޮނުވިއެވެ.
އެހެން ނަމަވެސް މިއަދާހަމައަށް ވެސް އެ ސިޓީގެ ޖަވާބެއް ފެނަކައިން ނުދޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މި މައްސަލައިގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމާފައިވަނީ، ލާމަރުކަޒީ ގާނޫނުން އެ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމަށް ޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.
މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206ވަނަ އާންމު ޖަލްސާގައެވެ.