އެކަތި ބޮޑުބެރުގެ 'އީދު ގޮމާ' ލަވައާއެކު، އީދުގެ ފޯރި ކައްކުވައިލައިފި

އެކަތި ބޮޑުބެރު ގުރޫޕުން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް "އީދު ގޮމާ"ގެ ނަމުގައި ފޯރިގަދަ އަމިއްލަ ވީޑިއޯ ލަވައެއް މިއަދު ނެރެފިއެވެ.

މި ލަވައަކީ އެ ގުރޫޕުން ނެރުމަށް ރާވާފައިވާ 231 އަލްބަމްގެ ލަވައެކެވެ.

މި ލަވައިގެ ލީޑް ރޯލުން ފެންނަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒައާއި އެކަތި ބޮޑުބެރު ގުރޫޕުގެ ލީޑް ވޯކަލިސްޓް އަދި މެނޭޖަރު ހަމްދާން ސަލީމެވެ. މި ލަވައިގައި ދިވެހި ސަގާފީ ހަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގައި ދަފި ނެގުމުގެ ސަގާފަތް އޮންނަ ގޮތް ދައްކުވައިދީފައިވެއެވެ.

އެކަތި ބޮޑުބެރުގެ "އީދު ގޮމާ" ލަވަ މިއަދު ވަނީ ނެރެފައި -- ފޮޓޯ/ އެކަތި ބޮޑުބެރު

ބ. ކިހާދޫގައި ޝޫޓުކޮށްފައިވާ މި ލަވައިގެ ނެށުމުގެ ބައިތަކުގައި އެކްސްޓްރީމް ލެވެލް އާއި އޮނަހިރި ބޮޑުބެރު ގުރޫޕުން ބައިވެރިވެފައިވެއެވެ.

މި ލަވައިގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ނެރުނު ޓްރެއިލާ 250,000 އަށްވުރެ ގިނަ މީހުން ބަލާފައިވާކަން ފާހަގަކުރެވެއެވެ.

އެކަތި ބޮޑުބެރުގެ "އީދު ގޮމާ" ލަވަ މިއަދު ވަނީ ނެރެފައި -- ފޮޓޯ/ އެކަތި ބޮޑުބެރު
"އީދާ ގުޅުވައިގެން މި ފަހަރު މި ނެރޭ ލަވައަކީ ވެސް ގިނަ ބަޔަކަށް ކަމުދާނެ، ކާމިޔާބު ލަވައަކަށް ވާނެ ކަމަށް އުއްމީދުކުރަން،" އެކަތި ބޮޑުބެރު ގުރޫޕުން ބުނެފައިވެއެވެ.

މި ލަވަ ޑައިރެކްޓުކޮށްފައިވަނީ އަބްދުالله މުއާޒު (މުއާ)އެވެ.

އެކަތި ބޮޑުބެރުން ދޭތެރެއަކުން ފޭނުންނަށް އޮރިޖިނަލް މިއުޒިކް ލަވަތައް ދޫކުރެއެވެ. އެންމެފަހުން މި ގްރޫޕުން ރިލީޒްކޮށްފައި ވަނީ "މަރިޔަމް މަލާ" ނަމަކަށް ކިޔާ ލަވައެކެވެ. މަރިޔަމް މަލާއަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގްރޫޕުން ރިލީޒްކުރި ވީޑިއޯ މިއުޒިކެކެވެ. ދެ ހާހުގެ ކުރީކޮޅު ސިފަކޮށްދޭ މި ލަވަ ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

މި ލަވަ ޔޫޓިއުމުން 844،000 މީހުން ބަލައިފައި ވެއެވެ.

comment ކޮމެންޓް