މި ފެށޭ ހިޖުރީ އާ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، ދެ ޢީދު ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވައިލަން ފަށާފައިވާ ކަމަށް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ، މި ފެށޭ ހިޖުރީ އައު އަހަރުން ފެށިގެން ފިޠްރު ޢީދާއި އަޟްޙާ ޢީދު ފާހަގަކުރުމާ ބެހޭ ގޮތުން މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން ޕްލޭނެއް އެކުލަވާލަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ކައުންސިލްތަކާ މަޝްވަރާކޮށް، ރަށްރަށުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް މި ޕްލޭންގައި ހިމަނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި، ވަކިން ޚާއްސަކޮށް ސިޓީތަކުގައި ޢީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިކަމަށްޓަކައި އާޓްސް މިނިސްޓްރީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށެވެ.
މިދިޔަ އަޟްޙާ ޢީދުގެ ދުވަސްވަރު ޝަހީމް ވަނީ ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، ޢީދުގެ އުފާ ފާޅުކުރަމުންދާއިރު އިސްލާމީ ރިވެރި އަޚުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މިނިސްޓަރު ޝަހީމްގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް މީގެ ކުރިން އިލްތިމާސްކުރައްވައިފައެވެ.
ޢީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި އުފާފާޅުކުރުންތައް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން މި އަހަރުގެ އަޟްޙާ ޢީދުގެ ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.